23 Jul 2013, 10:15
އެމްޑީޕީން ފުލުހުންނާއި ސިފައިންގެ ބާރު ކެނޑޭ ގޮތަށް އެކުލަވާލާފައިވާ ކަމަށް ބުނާ އެ ޕާޓީގެ "ގައުމީ ސަލާމަތް އަދި ސިފައިންނާ ފުލުހުންނާ ބެހޭ ސިޔާސަތު" ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އެ ސިޔާސަތުގައި ބުނެފައި ވަނީ ފުލުހުންނަކީ ސިޓީ ކައުންސިލްތަކުން ބަލަހައްޓާ ބައެއްގެ ގޮތުގައި ހަދައި ފުލުހުންގެ މުސާރަ އާއި އެހެނިހެން ކަންތައް ބަލަހައްޓާ ފަރާތަކީ ލޯކަލް ގަވާމެންޓް އޮތޯރިޓީ ކަމުގައި އެމްޑީޕީގެ ސަރުކާރެއްގައި ހަދާނެ ކަމަށެވެ.
ފުލުސް އޮފީހުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޮރެންސިކް ތަހުލީލުތަކުގެ ތެރޭގައި ހިމެނޭ ޑީއެންއޭ ޓެސްޓް ހެދުމާއި ލެބޯޓަރީގައި ފުލުހުން ހަދަން ޖެހޭ ފޮރެންސިކް ޓެސްޓުތައް އައިޖީއެމްއެޗުން ހަދާގޮތަށް އެމްޑީޕީގެ އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮތް އިންޓެލިޖެންސް ޔުނިޓްތައް އުވާލުމަށް ވެސް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އުވާލުމަށް ފަހު އެތަންތަން ގައުމީ އިންޓަލިޖެންސް އެޖެންސީގެ ނަމުގައި ރައީސް އޮފީހުގެ ދަށުން މަސައްކަތް ކުރާ ތަނަކަށް ހެދުމަށް ވެސް އެ ސިޔާސަތުގައި އެމްޑީޕީން ވަނީ ކަނޑައަޅާފަ އެވެ.
އެމްޑީޕީގެ އެ ސިޔާސަތުގައި ކަނޑައަޅާފައިވާ ގޮތުން ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިދޭ ބާރުތައް ހަނިކޮށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.
ފުލުހުންގެ ތެރެއިން ޚާއްސަ ފައުޖުތައް އުނިކޮށް ފުލުހުންނަކީ ހަމައެކަނި މަގުމަތީގައި ޓްރެފިކާއި މުޒާހަރާތައް ބަލައްޓާ ބައެއްގެ ގޮތުގައި ހަދައި ފުލުހުންގެ އަދަދު މަދުކުރުމަށް ވެސް އެމްޑީޕީގެ އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން މަސައްކަތް ކުރާ ނޭޝަނަލް ކޮމާންޑް ސެންޓަރެއް ގާއިމް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
މިހާރު ފުލުހުންނާއި ސިފައިން ކުރަމުންގެންދާ އަމަންއަމާންކަން ބެލެހެއްޓުމުގެ މަސައްކަތް އެމީހުންގެ ކިބައިން އުނިކޮށް ސިފައިންނަކީ ހަމައެކަނި ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް އަމަލީގޮތުން ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ހެދުމަށް ވެސް އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންގެ އަތުން އުނިކޮށް އެކަމަކީ ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ލީކްވެފައިވާ އެ ސިޔާސަތުގައި ބުނެފައި ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަކީ ދިވެހިންގެ އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ހިދުމަތްތަކެއް ކަމަށާއި ސިފައިންނާއި ފުލުހުންނަކީ ރާއްޖެ އެމްޑީޕީ ބޭނުންވާ ގޮތަށް ބައްޓަން ކުރުމުގައި އޮތް ހުރަހެއް ކަމަށެވެ.
ސިފައިންނާއި ފުލުހުންގެ މުއައްސަސާގައި ތިބީ އެމްޑީޕީގެ ފިކުރަށާއި އެމްޑީޕީ އަށް ވަފާތެރިވާނެ ބައެއް ނޫން ކަމަށް ވެސް އެ ސިޔާސަތުގައި ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ގައުމީ ސަލާމަތް އަދި ސިފައިންނާއި ފުލުހުންނާ ބެހޭ ސިޔާސަތު އެކުލަވާލާފައި ވަނީ އެ ކޮމެޓީން ސިފައިންނާއި ފުލުހުންގެ ތެރޭގައި މިހާރު މަސައްކަތް ކުރާ އެމްޑީޕީ އަށް ވަފާތެރި މީހުންނާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ޑޮކިއުމަންޓްގައި ބުނެފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުލަވައިލި ކަމަށް ބުނާ އެ ކޮމެޓީގެ ޗެއާމަނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.
ލީކްވި ޕޮލިސީއަކީ ސައްހައެއްޗެއްތޯ ދެންނެވުމުން އެެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީން ސިޔާސަތުތައް ހާމަކުރާނީ ނޫސްވެރިންގެ ހާޒިރުގައި އާންމުކޮށް ކަމަށެވެ. ފުލުހުންނާއި ސިފައިންގެ ސިޔާސަތު އަދި މިހާތަނަށް އިފްތިތާހުކޮށްފައި ނުވާ ކަމަށެވެ.
ލީކްވި ޑޮކިއުމެންޓަކީ ސައްހައެއްޗެއްތޯ ނުވަތަ ނޫންތޯ އާ ބެހޭ ގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވި އެވެ.