އިނގިރޭސިވިލާތުގެ ވަލީ އަހްދު ޕްރިންސް ވިލިއަމްއާއި އޭނާގެ އަނބިކަނބަލުން ކެތަރިން އެލިޒަބަތު މައުންބާޓެން (ކޭޓް މިޑްލްޓަން)އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފި އެވެ.

އިނގިރޭސި މީޑިއާތައް ބުނެފައިވަނީ، ކޭޓް ވިހާފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 4:24ގައި ކަމަށާއި މުސްތަގުބަލުގެ އިނގިރޭސި ރަސްގެފާނު އުފަންވީއިރު ބަރުދަނުގައި 3.6 ކިލޯގްރާމް ހުރި ކަމަށާއި އަދި އެ ދެމައިގެން ހާލުވެސް ރަނގަޅު ކަމަށެވެ.

ލަންޑަންގެ ސެއިންޓް މޭރީ ހޮސްޕިޓަލްގައި 31 އަހަރުގެ ކޭޓް ވިހެއުމުގެ ކަންތައް ކުރިއަށް ދިޔައިރު އެކަމަނާގެ އަރިހުގައި ފިރިކަލުން ވިލިއަމްސް ހުންނެވި ކަމަށާއި އަދި ވިހެއުމުގެ ހުރިހާކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށްވެ އެވެ. އަދި އެ ދަރިފުޅު ދުނިޔެއަށް ނޭވާލި، ޕެޑިންޓަންގައި ހުންނަ ހޮސްޕިޓަލަކީ ޕްރިންސަސް ޑަޔާނާއަށް، ޕްރިންސް ވިލިއަމްއާއި ހެރީ ވެސް އުފަންވި ހޮސްޕިޓަލް ކަމަށްވެ އެވެ.

ކޭޓް ވިހެއުމާއި ގުޅިގެން ޕްރިންސް ވިލިއަމް، ދެ ހަފްތާގެ ޕެޓާނިޓީ ލީވްއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވިލިއަމްއާއި ކޭޓްގެ ދަރިފުޅު އުފަންވުމުގެ ކުރީގައި އެ ދަރިފުޅަކީ ކޮން ޖިންސެއްގެ ކުއްޖެއްކަން ބަލާފައި ނުވާކަމަށް ވެސްވެ އެވެ.

ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްގެ ތަރުޖަމާނު ބުނީ، ވިލިއަމް އަށް ބޭފުޅަކު ލިބިވަޑައިގަތުމުން ރާނީއާއި ރަސްގެފާނު ހުންނެވީ ވަރަށް ބޮޑަށް އުފާފުޅު ވެފައި ކަމަށެވެ.