23 Jul 2013, 01:12
ޑިއުޓީގައި ހަރަކާތްތެރިވަމުން ދަނިކޮށް ޝަހީދުވެފައިވާ ފުލުހުންގެ ހަނދާނުގައި މޮނިއުމަންޓެއް ހަދައިފި އެވެ.
އިސްކަންދަރު ކޮށި، އަމީނީމަގާއިވީ ފަޅިއަށް ހަދާފައިވާ މޮނިއުމަންޓްގައި ފާހަގަކޮށްފައިވާ ނަންނަތަކަކީ ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ހަލީމާއި ޕޮލިސް ލާންސް ކޯޕްރަލް އަލީ ނާޒިމް އާއި ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޒަމީރާއި ޝަހީދު ޕޮލިސް ކޯޕްރަލް މިސްބާހު އަބުދުﷲ އެވެ.
އެބިނާ ހުޅުވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަދި މިހާރު ހައުސިން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު ޝަފީގާއި ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒެވެ.
މޮނިއުމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަފީގް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ބިނާގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ފުލުހުންގެ ޑިއުޓީގައި މަސައްކަތް ކުރަނިކޮށް ޝަހީދުވި ބޭކަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން އެފަދަ ކަމެއް ކުރުމަކީ ރަމްޒީ ގޮތުން ކުރެވޭ ކުޑަކުޑަ ކަމެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރެއާ ދުވާލު 24 ގަޑިއިރު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދިނުމަށް ފުލުހުން ކުރަމުން ގެންދާ ޚިދުމަތަކީ ރައްޔިތުން އަބަދުމެ އެދިއެދިތިބި ޚިދުމަތެއް ކަމަށެވެ. އަދި އެ ޚިދުމަތްދިނުމުގައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކޮށްދެއްވުމަށް ވަނީ ވަގުތީ ހޯމް މިނިސްޓަރު އިލްތިމާސް ކުރައްވާފަ އެވެ.
ޝަހީދުވެފައިވާ ފުލުހުންގެ ހަނދާނުގައި ބިނާކުރި މޮނިއުމަންޓް ހުރަސް ކުރާ އިރު ފުލުހުންގެ ޔުނިފޯމުގައި ހުންނަ ކޮންމެ ވަގުތަކު ވެސް މޮނިއުމަންޓަށް ކޮންމެ ފުލުހަކު ވެސް ކުރަނީސް ކުރަން ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި މާދަމާ އާ ހަމައަށް އިސްކަންދަރުކޮށީގެ ދިދަ ވަނީ ތިރިކޮށްފަ އެވެ.