ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޖުމްހޫރީ ޕާޓީ ގޮސްފި ނަމަ ގާސިމް އިބްރާހީމަށް ތާއީދު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"އަބްދުﷲ ޔާމީނާ އެކު ދިވެހިރާއްޖޭގެ އަޑު" މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އެމްޑީޕީއާ އެކު ޖުމްހޫރީ ޕާޓީ ދެވަނަ ބުރަށް ގޮސްފި ނަމަ އޭނާ ގާސިމަށް ބައިއަތުހިފާނެ ކަމަށް ޝައްކަކާ ނުލައި ރައްޔިތުން ގަބޫލުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އަޅުގަނޑުމެން ނުގޮސް ގާސިމް ވަޑައިގެންފައި ނޫނީ ޖޭޕީ ގޮސްފައި ދެ ވަނަ ބުރަށްދާ އަނެއް ޕާޓީ އަކީ އެމްޑީޕީ ކަމަށް ވަންޏާ. ދިވެހި ރައްޔިތުން ޝައްކަކާ ނުލާ ގަބޫލު ކުރައްވާ އަޅުގަނޑުމެން ދެވަނަ ބުރުގައި ގާސިމްއާ ގުޅޭނެ ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، ޔާމީން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ޕީޕީއެމް އެއްބުރުން ކާމިޔާބު ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސައްހަ މެމްބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ބޭއްވި ތަފާތު 20 އިންތިހާބުގެ ތެރެއިން 17 އިންތިހާބު ޕީޕީއެމުން ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

ގާސިމާއި ޔާމީނާ ދެ ބޭފުޅުންގެ މެދުގައި މައްސަލަތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭގޮތުން ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ ގާސިމް އާއި އޭނައާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.