މުޅި މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި މަރަށް މަރު ހިފުމަކީ މިހާރު ރާއްޖޭގައި ކުރަން ވެއްޖެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ "އަބްދުﷲ ޔާމީނާ އެކު ދިވެހިރާއްޖޭގެ އަޑު" މި ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ މީގެކުރިން އޭނާ އަކީ މަރަށް މަރު ހިފުމަށް ވަކާލާތު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި މީހުން މެރުން އާންމުކަމަކަށް ވެފައިވާތީ މުޖުތަމައު ސަލާމަތް ކުރުމަށް ޓަކައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ ޝަރުއީ އުސޫލުތަކުން ގަބޫލުކުރެވޭ މިންވަރަށް ގަސްދުގައި މީހާކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރުމުން ކަމަށެވެ.

"ކުރީގައި އަޅުގަނޑަކީ މަރަށް މަރު [ހިފަން] ވަކާލާތު ކުރަމުން އައި މީހެއް ނޫން. އެހެންނަމަވެސް އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ ދިވެހި ރާއްޖޭގައި ގަބޫލުކުރެވޭ މިންވަރަށް ޝަރީއަތަށް، ޝަރުއީ އުސޫލުތަކުން ގަބޫލުކުރެވޭ މިންވަރަށް މިކަން ސާބިތުވެގެން ހިނގައްޖެ ކަމަށްވާ ނަމަ، ހުރިހާ މަރުހަލާތަކެއް ހިނގައްޖެ ކަމަށްވާ ނަމަ ދިވެހީން މި ގަބޫލުކުރާ ކުރުމުން، މުޅި މުޖުތަމައު ސަލާމަތް ކުރުމަށްޓަކައި މިހާރު ގަބޫލުކުރަން މަރަށް މަރު ހިފުމަކީ މިހާރު ދިވެހިރާއްޖޭގައި ކުރަން ވެއްޖެ ކަމެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާ ތަފްސީލީ ގާނޫނެއް ބޭނުންވާ ކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ އެ ގަނޫނު ވުޖޫދަށް އައުމުން ކަމަށް ވެސް ރައީސް ވަހީދުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން ކެބިނެޓުން ވަނީ އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފަ އެވެ.

ކެބިނެޓުން އެގޮތަށް ފާސްކުރުމާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެފަދަ ބިލެއް ޑްރާފްޓުކޮށް އާންމުންގެ ޚިޔާލަށް ހުޅުވާލާފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ އެ ބިލް މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ އާމުންގެ ޚިޔާލު ހޯދުމަށް ފަހު ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހަށް ހުށަނޭޅެނީސް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މަޖިލީހަށް ބިލް ހުށަހެޅުއްވުމަށް ފަހު ރިޔާޒު ވިދާޅުވީ އޭނާ އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަރުކާރުން ހުށަހަޅާނެކަމަށް ބުނި ބިލް މަޖިލީހަށް ހުށަނާޅައި ލަސްވާތީ ކަމަށެވެ.

ރިޔާޒު ހުށަހެޅުއްވި ބިލާއި މެދު މެންބަރުގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވި އެވެ. ގިނަ މެމްބަރުން ބުނަމުން ގެންދިޔައީ އެބިލަކީ އެންމެ އެކަށީގެންވާ ގޮތަށް ޑްރާފްޓް ކޮށްފައިވާ ބިލެއް ނޫން ކަމަށެވެ. މެމްބަރުގެ ޚިޔާލުތަފާތުވުންތަކާ އެކު އެންމެފަހުން އެ ބިލް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން އެ ބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 18 މެންބަރުންނެވެ. އަދި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައި ވަނީ 26 މެންބަރުންނެވެ.