އިންތިހާބުގެ ދުވަސްވަރަކީ ސަރުކާރާ ގުޅޭ ގޮތުން މުހިއްމު މައުލޫމާތުތަކެއް ރައްޔިތުން ބޭނުންވާ ވަގުތު ކަމަށާއި ރަނގަޅު ނިންމުމެއް ނިންމުމަށްޓަކައި އިންތިހާބުގެ މޫސުގައި ވެސް އޮޑިޓް ރިޕޯޓް ނެރެން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމް ވާހަކަފުޅު ދައްކަވައިފި އެވެ.

އޮޑިޓާ ޖެނަރަލް މިއަދު ވިދާޅުވީ ހަމައެކަނި އިންތިހާބުގެ މޫސުމާ ދިމާކޮށް އޮޑިޓް ރިޕޯޓުތަކެއް ނެރުއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިލެކްޝަންސްގެ ދުވަސްވަރުގައި އޮޑިޓް ރިޕޯޓުތައް ނެރުމަކީ މައްސަލައެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އަދި ވިދާާޅުވީ ސިޔާސީ ވިސްނުމެއް އޮވެގެން އެއްވެސް ފަރާތަކަށް ފައިދާކޮށް، ވަކިފަރާތަކަށް ގެއްލުމެއް ދިނުމަށް ނިޔަތުގައި އެއްވެސް އޮޑިޓް ރިޕޯޓެއް ނެރެފައި ނުވާނެ ކަމަށެވެ. ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އާންމުނަށް އެންމެ ގިނަ މައުލޫމާތު ލިބެން ޖެހޭ ވަގުތަކީ އިލެކްޝަންސްގެ ދުވަސްވަރު ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އިލެކްޝަން ދުވަސްވަރަކީ ރައްޔިތުންނަށް އެންމެ މުހިއްމު، އެ ބޭފުޅުން އައްޔަން ކުރައްވާފައި ތިއްބަވާ ސަރުކާރުތަކާ ބެހޭ ގޮތުން މުހިއްމު މައުލޫމާތު ލިބެން ބޭނުންވާ ދުވަސްވަރު. އެއީ ރަނގަޅު ޑިޒިޝަނެއް ނެގުމަށްޓަކައި. އެހެންވީމަ ޑިމޮކްރަޓިކް ސޮސައިޓީގައި ޕަބްލިކަން އެންމެ ގިނަ އިންފޮމޭޝަން ދާން ހަގީގަތުގައި ޖެހޭނީ އިލެކްޝަންސްގެ ދުވަސްވަރު. އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރާ ވާހަކައެއް ނޫން މިދެންނެވީކީ،" މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޮޑިޓް ރިޕޯޓުތައް ނެރުއްވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ދެކިގެން ނުވާނެ ކަމަށާއި އިންތިހާބުގެ މޫސުމުގައި އޮޑިޓް ރިޕޯޓެއް ނެރުމަކީ މަސްލައަކަމަށް ދެކިގެން ނުވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އޮޑިޓާ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް ނިމުނު ވަރަކުން، ނިމުނު ވަގުތަކުން އެއީ ވަރިހަމަ އިލެކްޝަންސްގެ ދުވަސް ވަރަކަށް ވިޔަސް އަދި އެ ނޫން ދުވަސް ވަރަކަށް ވިޔަސް އަޅުގަނޑު ޔަގީން ކަމާއެކު ދަންނަވަން އޭތި ދާނީ ނެރެވެމުން،" އޭނާ ވިދާޅުވި އެވެ.

އޮޑިޓާ ޖެނަރަލް ވިދާޅުވީ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ބައެއް ގައުމުތަކުގެ ވެރިކަން ވެއްޓިފައިވާ ކަމަށާއި ސަރުކާރުގެ އޮޑިޓްތައް ރައްޔިތުންނަށް ހާމަ ކުރުމަކީ އޮޑިޓާ ޖެނަރަލްގެ ވާޖިބެއް ކަމަށެވެ.

"ތަރައްގީވެފައި ހުރި ގައުމުތަކުގައި ވެސް އޮޑިޓް ރިޕޯޓުތަކަކާއެކު ސަރުކާރުތައް ވެސް ވެއްޓިފައި އެބަހުރި. ކެނަޑާ ކަހަލަ ގައުމުތަކުގައި. އޮޑިޓާ ޖެނަރަލްގެ ވާޖިބަކީ އެއީ. އެކަންތައްތައް ފާޅުކޮށްފައި ރައްޔިތުންނާ ހަމަޔަށް އެކަން ހާމަކޮށްދިނުން. އެ އުސޫލުން އެކަންތައްތައް ދާނެ،" ނިޔާޒު ވިދާޅުވި އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުގެ މަސައްކަތުގެ ނަތީއްޖާ ކިހާވަރަކަށް ނެރެވޭތޯ މާލިއްޔަތު ކޮމެޓިގެ މެންބަރުން ސުވާލު ކުރެއްވުން ނިޔާޒު ވިދާޅުވީ "ހިންހަމަޖެހޭ މިންވަރާ ގާތަށް ވެސް" އޮޑިޓް އޮފީހުގެ ޕާފޯމެންސެއް ނުދެއްކޭ ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް އޮފީހުގެ ޕާފޯމަންސް ރަނގަޅު ކުރުން އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި "އޯވަ ނައިޓަކުން" މުއައްސަސާއެއް ނަގާ ކޮޅަށް ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޮޑިޓް ރިޕޯޓަކާ ގުޅިގެން ބައެއް ފަރާތްތަކުން ގުޅައި ބިރު ދައްކަމުން ގެންދާ ކަމަށާއި އެފަދަ ނުރައްކާތައް ކުރިމަތިވިޔަސް ގާނޫނީ ރައްކާތެރިކަމެއް އެކަށީގެންވާ ގޮތުގައި ލިބިފައި ނުވާ ކަމަށެވެ.

އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޮޑިޓް ރިޕޯޓުތައް ނެރުމަކީ މައްސަލައެއް ނޫން ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވެފައި ވަނީ އެމްޑީޕީ ސަރުކާރުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް މަޖިލީހުގެ ހުއްދަ ނެތި 436.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މައްސަލަ އޮޑިޓުން ހާމަވެފައި ވަނިކޮށެވެ.