ސައިކަލުން ޖައްސައި އެކްސިޑެންޓް ކޮށްލުމުގެ ސަބަބުން ޕޮލިސް ކޯޕްރަލް ބ. ހިތާދޫ ނަސީމީވިލާ މިސްބާހު އަބްދުﷲ މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އުމުރުން 22 އަހަރުގެ މިސްބާހު މަރިވި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ށ.ފޯކައިދޫ އާރާމްގޭ ހުސައިން އަފީފް 28، އާއި ގދ.ތިނަދޫ މާދޫނި ހުސައިން އަބްދުﷲ 21، ގެ މައްޗަށް ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން ސައިކަލް ދުއްވަން އިނީ ހުސައިން އަފީފް އެވެ. އޭނާގެ ސައިކަލްގެ ފަހަތުގައި އިނީ ހުސައިން އަބްދުﷲ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ފަތިހު 4:00 އެހައިކަންހާއިރު އެވެ.

މިސްބާހު މަރުވެފައި ބަނީ އޭނާގެ ގައިގައި "ސައިކަލުން ޖައްސައި" އެކްސިޑެންޓް ކޮށްލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޔާވިއިރު މިސްބާހުގެ ރޭންކަނީ ކޮންސްޓަބަލްގެ ރޭންކެވެ. ނަމަވެސް އޭނާ ނިޔާވިފަހުން ފުލުސް އޮފީހުން ވަނީ އޭނާގެ ރޭންކް ކޯޕްރަލް އަށް ބަދަލުކޮށް އޭނާގެ އާއިލާއަށް އިނާޔަތް ދިނުމަށް ހަމަޖައްސާފަ އެވެ.