މަޖިލީހުގެ ޖަލްސާތައް ދިގު މުއްދަތަކަށް ކުރިއަށް ނުދިޔުމުގެ ސަބަބުން އެތައްބަޔެއްގެ ހައްގުތައް ގެއްލެމުން ދާތީ ހިއުމަންރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


މިއަދު ހަވީރު އެ ކޮމިޝަނުގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތަކާއި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ލިބިދިނުމުގެ އެންމެ މުހިންމު އަސާސަކީ ގާނޫނުތައް ކަމަށާއި ގާނޫނުތައް ނުހެދި ދިގުލައި ދިއުމުގެ ސަބަބުން އެތައް ބަޔަކު އެމީހުންގެ ހައްގުތަކުން މަހުރޫމުވަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންނާ ސިދާ ގޮތުން ގުޅުން ހުރި ބައެއް ގާނޫނުތައް ނުހެދި ވާކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ދައުލަތުން އަދާކުރަން ޖެހޭ ވާޖިބުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ހުރަސް އެޅެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ރައްޔިތުންނަށް ލިބިދޭން ޖެހޭ އިންސާނީ ހައްގުތަކާއި ދައުލަތުގެ ފަރާތުން ފޯރިކޮށްދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ އެންމެ މުހިންމު އަސާސަކީ އެކަންކަމާ ގުޅިގެން ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކާއި އިންތިޒާމުތައް ކަމަށްވެފައި މިދެންނެވި ކަންތައް ލަސްވުމަކީ ރައްޔިތުންގެ ހައްގުތަކެއް އުނިވެ، އެ ރައްޔިތުން ދައުލަތުގެ ފަރާތުން އުންމީދު ކުރާ ގިނަ މަންފާތަކަކުން މަހުރޫމްވާކަމެއް ކަމުގައި ދެކޭ ވާހަކަ ދަންނަވާލަން،" އަޒުރާ ވިދާޅުވި އެވެ.


ރައްޔިތުންގެ ލާބަޔާއި މަންފާޔަށް ޓަކައި މަޖުލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް އަޒުރާ އިލްތިމާސް ކުރެއްވި އެވެ.


ސިޔާސީ ޕާޓިތަކާ އެކު ވާހަކަތައް ކުރިއަށް ގެންދިޔުމުގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ދައުރެއް އަދާކުރޭ ތޯ ނޫސްވެރިއަކު ދެންނެވުމުން އަޒުރާ ވިދާޅުވީ މަޖުލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން އެކަން ކުރިއަށް ނުދާ ކަމަށާއި އެހެނަސް ވާހަކަތައް ކުރިއަށް ގެންދިޔުމަށް މަޖުލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އެދިވަޑައިގެންފައިވާނޭ ކަމަށެވެ.


 އަދި ހުރިހާ ފަރާތްތަކަކުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެބުމަށް ވެސް އަޒުރާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.


"އަޅުގަނޑުމެން ދެކޭ ގޮތުގައި، ހުރިހާ ފަރާތްތަކުން ވެސް ގާނޫނާއި ހެދިފައި ހުންނަ ގަވައިދުތަކަށް ބޯލަނބައިގެން، ރައްޔިތުންގެ ހައްގުތައް އެ ރައްޔިތުންނަށް ހޯދައިދެވޭނީ." އެކަމަނާ ވިދާޅުވި އެވެ.


މިއަދުގެ ނޫސްކޮންފަރެންސްގައި ފެމިލީ ޕުރޮޓެކްޝަން ޔުނިޓުން ހޮނިހިރު ދުވަހު އާންމު ކުރި ތަފާސްހިސާބުތަކުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ވެސް އެ ކޮމިޝަންގެ ރައީސް ވާހަކަ ދެއްކެވި އެވެ. އަޒުރާ ވިދާޅުވީ އެ ރިޕޯޓްގައި ހުރި މައްސަލަތަކަކީ އެ ކޮމިޝަނުން ކަންބޮޑުވާ މައްސަލަތަކެއް ކަމަށެވެ.


ފެމެލީ ޕްރޮޓަކްޝަން ޔުނިޓުން ނެރުނު ތަފާސް ހިސާބުގައިވާ ގޮތުން އެ ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 20 ޕަސެންޓަކީ ކައިވެނިނުކޮށް ބަލިވެއިނދެގެން ރިޕޯޓް ކޮށްފައިވާ މައްސަލަތަކެއް ކަމަށް އެ ޔުނިޓުން ބުނެފައިވެ އެވެ.