22 Jul 2013, 17:08
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގެ ސަބަބުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ ކަމަށް އެ އޮތޯރިޓީގެ ނާއިބް ރައީސް ސުޖާއު ހުސައިން ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރު ނެރެފައި ވަނީ އެލްޖީއޭގެ ރައީސްގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު އައްޔަންކުރެއްވި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
އެ އަމުރު އެގޮތަށް ނެރެފައި ވަނީ އެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެލްޖީއޭގެ ނާއިބް ރައީސް ސުޖާއު ހުސައިން ހުށަހެޅުއްވި މައްސަލައިގައި އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.
ސަންއާ ވާހަކަދައްކަވަމުން ސުޖާއު މިއަދު ވިދާޅުވީ އެ އަމުރުގެ ސަބަބުން އެލްޖީއޭގެ މަސައްކަތްތައް ނުހުއްޓޭނެ ކަމަށާއި އެ އަމުރަކީ ޑރ. އާސިމް ޖަލްސާއަށް އައްޔަން ކުރި ކުރުމަށް އަމަލު ނުކުރުމަށް ނެރުނު ވަގުތީ އަމުރެއް ކަމަށެވެ.
ސުޖާއު ވިދާޅުވީ އެ އަމުރާ ގުޅިގެން އެލްޖީއޭގެ ބައްދަލުވުންތަކުގެ ރިޔާސު ޑރ. އާސިމް އަށް ނުބެލެހެއްޓެވޭނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް އޭނާ ރިޔާސަތުގައި އިންނަވައިގެން އެ އޮތޯރިޓީގެ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.