އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

"ރޯދަވެރިންގެ ތެރެއިން އެތައް ބަޔަކީ އެބައެއްގެ ރޯދައިގެ ސަބަބުން ބަނޑުހައިހޫނުކަމާއި ފެންބޮވައިގަތުން ފިޔަވައި އެހެންކަމެއް ނުލިބޭ މީހުންނެވެ. ހަމައެފަދައިން ރޭއަޅުކަންކުރާ އެތައް ބަޔަކީ އެބައެއްގެ ރޭއަޅުކަމުގެ ސަބަބުން ރޭގަނޑުގެ ނިދިނަގައިލެވުން ފިޔަވައި އެހެން ކަމެއް ނުލިބޭ މީހުންނެވެ." (އައްދާރަމީ: ކިތާބުއްޞައުމި)

ރޯދަޔަށް ހުންނައިރު ކާބޯތަކެތީން އެއްކިބާވެ ހުރުމަކީ ރޯދައިގެ ބޭރުފުށުގެ ސިފައެކެވެ. ހަމައެފަދައިން ރަމަޟާން މަހު ރޭއަޅުކަން ކުރުމަކީވެސް އަޅުކަމެއްގެ ބޭރުފުށުގެ ސިފައެކެވެ. ބޭރުފުށުގެ ކޮންމެ ސިފަޔަކާ އެކު ޙަޤީޤަތެއް ޝާމިލުވެފައި އޮންނާން ޖެހެއެވެ. އެހެންކަމުން ދާޚިލީ ޙަޤީޤަތެއް އެކުލެވިފައި ނުވާ ބޭރުފުށުގެ ކޮންމެ ސިފަޔަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އޭގެ މިސާލަކީ ހަމައެކަނި ބޭރުތޮށިގަނޑެއް އޮވެފައި އެތެރޭގައި ފުށެއް ނުވަތަ މުޔެއް ނުވަތަ މަދެއް ނެތް މޭވާއެއްގެ މިސާލެވެ.

ރޯދައިގެ މަޤްޞަދަކީ އިންސާނުންގެ ކިބައިގައި މާތްﷲ އަށް ބިރުވެތިވުމުގެ ސިފައުފެދުމެވެ. އޭނާގެ ކިބައިގައި ތަޤުވާވެރިކަމުގެ ޝުޢޫރު ހޭލުމެވެ. އޭނާގެ ކިބައިން އަޚުލާޤީ އުސޫލުތަކެއް ފެނިގެންދިއުމެވެ. އޭނާއަކީ އޭނާ ހެއްދެވި އަދި އޭނާއަށް ރިޒުޤުދެއްވާ ރަސްކަލާނގެއަށް ޙަޤީޤީ މާނާގައި ޝުކުރުވެރިވާ މީހަކަށް ވުމެވެ. ރޯދައިގެ މަޤްޞަދު ތަކަކީ މިއީއެވެ. އެހެންކަމުން މީހެއްގެ ރޯދަ ވަޒަންކުރެވޭނީ މީހެއްގެ ކިބައިގައި މިސިފަތައް އުފެދުނު މިންވަރެއްގެ ނިސްބަތުންނެވެ.

ހަމައެފަދައިން ރޯދައިގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އަނެއްކަމަކީ މުއުމިނުންނާއި، ކީރިތި ޤުރުއާނާ ގުޅުވައިދިނުމެވެ. ރޯދަމަހު ޚާއްޞަގޮތެއްގައި ޤުރުއާން ކިޔެވެއެވެ. ޙަޤީޤީ ރޯދަ އިންސާނާގެ ކިބައިގައި ޝުޢޫރުގެ ފުންކަމާއި، ސީރިޔަސްކަމާއި، ހަރުދަނާކަން އުފައްދައެވެ.

މިސިފަތަކާ އެކު ޤުރުއާން ކިޔެވުމާއި، ޤުރުއާން އަޑުއެހުމާއި، ޤުރުއާނާ މެދު ވިސްނައި ފިކުރުކޮށް ޤުރުއާން ދިރާސާ ކުރުމަކީ ޢާއްމު ދުވަސްތަކަށްވުރެ ބޮޑަށް ޤުރުޢާނުން ނަސޭހަތްލިބިގަނެވޭނެ ކަމެކެވެ. މިއީވެސް ރޯދަވެރިއެއްގެ ރޯދަ އަޖުމަބެލޭނެ ގޮތެކެވެ. ރޯދައިގެ މިންއެޅޭނެ މިންގަނޑެކެވެ. އެމީހެއްގެ ރޯދައިގައި މިފަދަ ދާޚިލީ ސިފަތައް އެކުލެވިފައިނުވާ ރޯދަވެރިޔެއްގެ ރޯދަޔަކީ އެއްވެސް ރޫޙެއް ނެތް ރޯދައެކެވެ. ފުށެއް ނުވަތަ މުޔެއް ނުވަތަ މަދެއް ނެތް މޭވާއެއް ފަދަ ރޯދައެކެވެ. ޙަޤީޤީ ރޯދައެއް ނޫނެވެ.