މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރާ ސަންގެ ނިއުސްޓީމާ ގުޅިގެން މަސައްކަތް ކުރާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާއި ހަމަޔަށް އިތުރުކޮށްފި އެވެ.

ސަން އިން މި ފަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވައިލާފައިވާ ޚާއްސަ ޓީމުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މުއްދަތު އިތުރު ކުރާން ނިންމީ، އިލެކްޝަންސް ކޮމިޝަނުން ވެސް މި ކަމަށް އޮތް މުއްދަތު އިތުރުކުރުމާ ގުޅިގެން ކަމަށެވެ.

"ކުރިން އޮތް ގޮތުން މޮނިޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވޭ. މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުކޮށްފައި. އެހެންވެ އަޅުގަނޑުމެން ވެސް އިތުރު މުއްދަތެއް ދޭން ނިންމީ،" ސަންގެ އޮފިޝަލު ވިދާޅުވި އެވެ.

ސަން ގެ އިލެކްޝަންސް ޓީމުގެ އޮފިޝަލު އިތުރަށް ވިދާޅުވީ ކުރީން ހުޅުވައިލި މުއްދަތުގައި ވަރަށް ގިނަ ބަޔަކު ސަންގެ އިލެކްޝަންސް ޓީމުގައި ބައިވެރިވާން އެދި ހުށަހަޅާފައިވާ ކަމަށާއި އެ ފަރާތްތަކުގެ މައުލޫމާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރީން ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފައިނަލް ކުރެވުނު ފަރާތްތަކަށް އެ ފަރާތްތައް ހޮވުނުކަން އަންގަމުން އަންނަ ކަމަށް ވެސް ސަންގެ އޮފިޝަލު ވިދާޅުވި އެވެ.

ސަންގެ މޮނިޓަރަކަށް ވުމަށް އެދޭ ފޯމު ސަންގެ ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.