22 Jul 2013, 16:36
މި އަހަރުގެ ދޯދަ މަހު ރާއްޖެ އިން އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް ވިސާ ހޯދުމުގައި ދިމާވެފައި ދައްޗަކީ އުމްރާ އަށް މީހުން ގެންދާ ޖަމާޢަތްތަކުގެ ސަބަބުން އަދި ދިވެހި ސަރުކާރުގެ އިހުމާލެއް އޮވޮގެން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މައްކާގައި ހުންނަ މާތް ވެގެންވާ ހަރަމްފުޅަށް އުމްރާ އަށް މި އަހަރު ދާން ބޭނުންވާ ފަރާތްތަކަށް މަދީނާ އިން ވިސާ ލިބުމުގެ ދަތިކަން ކުރިމަތިވެފައި ވަނީ ހަމައެކަނި ރާއްޖެ އަށް ނޫން ކަމަށާއި އެ މައްސަލައަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބަކީ މާއްކާގެ ހަރަމްފުޅުގެ ބޮޑު ބައެއް މަރާމާތު ކުރަމުން ދާތީ ކަމަށެވެ.
"އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް މަދީނާ އިން ވިސާ ހޯދުމުގައި ދިމާވެފައިވާ ދައްޗަކީ އަމްރާ އަށް މީހުން ގެންދާ ޖަމާއާތްތަކުގެ އިހުމާލެއް އޮވެގެން ނުވަތަ ދިވެހި ސަރުކާރުގެ އިހުމާލެއް އޮވެގެން ދިމާވެގެން އުޅޭ މައްސަލައެއް ނޫން. މިކަން ދިމާވެފައި މިވަނީ މައްކާގައި ހުންނަ ހަރަމްފުޅު ބޮޑުކޮށް އެތަނުގެ ބޮޑު ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ދިމާވެގެން އުޅޭ މައްސަލަ އެއް." ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މި އަހަރު އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ދޫކުރާނީ 15 ދުވަހަށް ކަމަށް ސައުދީ ސަރުކާރުން އަންގާފައި ވަނީ ވަރަށް ކުއްލި ގޮތަކަކަށް ކަމަށެވެ. އަދި ވިދާޅުވީ ސަޢުދީ ސަރުކާރުން އެގޮތަށް ހަމަޖައްސަން ޖެހުނީ މިދިޔަ ޝަޢުބާން މަހުގެ 15 ވަނަ ދުވަހު މައްކާ އަށް އުމްރާ އަށް ދިޔަ ގިނަ އަދަދެއްގެ މީހުން މަދީނާ އިން ބޭރުނުވެ އެތަނުގައި ތިބުމުގެ ސަބަބުން ދަތިތަކާއި ކުރުމަތިލާން ޖެހިފައި ވާތީ ކަމަށެވެ. އަދި މިހާރު ހަރަމްފުޅު މަރާމާތު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންނަށް އުމްރާގެ ފުރުސަތު ދެވެން ނެތް ކަމަށް ވެސް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިމްގެ ބައްދަލުވުމުގައި ބައިވެރިި ޖަމާޢަތްތަކުން ބުނެފައި ވަނީ މި އަހަރު ރާއްޖެ އިން އުމްރާ އަށް ދާން 1400 އަށް ވުރެ ގިނަ މީހުން އެދިފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން ވިސާ ހަމަޖެހިފައި ވަނީ 200 ވަރަކަށް މީހުންނަށް ކަމަށެވެ. އެހެން ނަމަވެސް ވިސާ ލިބިފައިވާ ގޮތުން އަދި މިހާތަނަށް އެއްވެސް މީހަކަށް ރާއްޖެ އިން އުމްރާ އަށް ދެވިފައި ނުވާ ކަމަށް ޖަމާޢަތްތަކުން ބުނެފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ އުމްރާ އަށް ދާން ބޭނުންވާ ފަރާތްތަކަށް ވިސާ ހޯދުމުގައި ދިމާވެފައި ދަތިތައް ހައްލު ކުރުމަށް ޓަކައި ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އާއި މަދީނާގެ ރިޔާޟްގައި ހުންނަ ދިވެހި އެމްބެސީ އާއި އަދި ސައުދީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅައިގެން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަމުގައި ހުރިހާ ރައްޔިތުން ވެސް ކެތްތެރި ވުމަށް ސައުދީ ސަރުކާރުން އެދޭ ކަމަށެވެ.