ހުސްވި މަހު ކާޓިއުންސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓުން ރާއްޖެ އަށް ވަގަށް އެތެރެކޮށްފައިވާ މުދާ ޝިޕްމަންޓްގެ މައްސަލާގައި އެ ކުންފުނިން ކަސްޓަމްސް އަށް ޖޫރިމަނާއާ އެކު 339،256.78 ރުފިޔާ ދައްކަން ޖެހިއްޖެ އެވެެ.

ކާޓިއުންސްގެ ފަރާތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އެތެރެކޮށްފައިވާ ވެހިކަލް އަދި ވެހިކަލްގެ ސްޕެއާ ހިމެނޭ 40 ފޫޓުގެ ކޮންޓެއިނަރެއް ކަސްޓްމަސް އިން ވަނީ ހިފަހައްޓައިފަ އެވެ. އެ ޝިޕްމަންޓް ހިފަހައްޓާފައި ވަނީ ޑިކްލިއާ ނުކޮށް މުދާތަކެއް އެތެރެކުރަން އުޅޭ ކަމަށް ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކާޓިއުންސް އިން ރާއްޖެ އެތެރެކޮށްފައިވާ މުދާ ޝިޕްމަންޓްގެ އަގު އެ ކުންފުނިން ކަސްޓަމްސް އަށް ހުށަހަޅާފައި ވަނީ އެ މުދަލުގެ އަސްލު އަގަށް ވުރެ ދަށްކޮށްގެން ކަމަށް ތަހުގީގަށް އެނގިފައި ވާތީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެކުންފުނި 39،408.00 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކާޓިއުންސްގެ ފަރާތުން އެތެރެކުރި މުދާ ޝިޕްމަންޓްގައި ކަސްޓަމްސް އިން ޑިކްލިއާކުރި ވަރަށް ވުރެ އިތުރަށް މުދާ ހުރި ކަމަށް ކަސްޓަމްސް އަށް ފާހަގަކުރެވިފައި ވާތީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން 133،280ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން ޝިޕްމަންޓްގައި ހުރިވަރަށް ވުރެ މަދުން ކަސްޓަމްސް އިން މުދާ ކްލިއާކޮށްފައިވާތީ އެ ޝިޕްމަންޓްގައި އިތުރުވާ މުދަލުގެ ޑިއުޓީގެ ގޮތުގައި 166،568.78ރ. ކަސްޓަމްސް އަށް ކާޓިއުންސް އިން ދައްކަން ޖެހެ އެވެ.