22 Jul 2013, 16:16
ދިރާގު ދިވެހި ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 ން ބަލިވެ ކްލަބް ވެލެންސިޔާއަށް، ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ގެއްލިދާނޭ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތް އިރު ވެލެންސިޔާ ތާވަލުގެ ހަތަރު ވަނައިގައި މިވަގުތަށް އޮތީ 21 ޕޮއިންޓާއެކުގަ އެވެ. 21 ޕޮއިންޓު ހޯދައިގެން ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)، އަންނަ ބުދަ ދުވަހުގެރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭމެޗު ކާމިޔާބު ކޮށްފިނަމަ އެކުލަބް ގަދަ ހަތަރަކަށް ކުރިއަށް ޖެހިލާއިރު އެޖާގަ ހޯދުމަށްޓަކައި ހޮނިހިރު ދުވަހުގެރޭ ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުން ވެލެންސިޔާއަށް މަޖުބޫރު ވާނެ އެވެ.
ރޭގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 43 ވަނަ މިނިޓުގައި އިބްރާހީމް ޝިޔާމް (ދޮނާ) އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މުޚްތާރު ނަސީރު (ޓޫކިލޯ) އެވެ.
ލީގުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ، ބުދަ ދުވަހުގެ ރޭ 10:00ގަ އެވެ. އެ މެޗުގައި ވާދަކުރާނީ އޭވައިއެލްއާއި ކްލަބް އީގަލްސް އެވެ.