މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަފްލާ ގައުމީ ދާރުލް އާސާރުގައި ބޭއްވުމަށް އެތާންގައި ބަހައްޓާފައިވާ ދާއިމީ ކަލެކްޝަންތައް އެހެންތަނަކަށް ވަގުތީ ގޮތުން ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތީ އެކަމާ އަމިއްލަ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިވައިވް ޖަމިއްޔާ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާސާރީ ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމަކީ އެތަކެއްޗަށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ހަފްލާތައް ބާއްވަން އެކަށީގެންވާ ގިނަ މާލަންތަކެއް މާލޭގައި ހުރުމާ އެކު، ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއް ތަނަށް ބަދަލުކޮށްގެން އެތާންގައި އެފަދަ ހަފްލާއެއް ބޭއްވުމަކީ އެއްގޮތަކަށް ވެސް އެޖަމިއްޔާ އިން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރިވައިވް ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ގައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަން އެއްތަނުން އަނެއްތަނަށް ބަދަލުކޮށް އެފަދަ ހަފްލާތައް ދައުލަތުގެ ފަރާތުން ބާއްވާފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ ރާއްޖޭގެ އާސާރީ ތަރިކަ އާއި ތާރީޚަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން ލިބޭނެ ކަމެއްކަމަށް ފެންނާތީ އެކަން އެގޮތަށް ނުކުރުމަށް ދައުލަތުގެ ފަރާތްތަކަށް އެޖަމިއްޔާގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރު ވެސް މިނިވަން ދުވަހުގެ ހަފްލާ ބޭއްވީ ދާރުލް އާސާރުގައި ކަމަށާއި އެފަދަ ޝަކުވާއެއް އައިސްފައިނުވާ ކަމަށެވެ. އަދި މި އަހަރުގެ ޖަލްސާއާ ގުޅިގެން އެފަދަ ޝަކުވާއެއް އައިސްފައިނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރި ދާރުލް އާސާރު ހުޅުވާފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އެވެ.