08 Nov 2010, 15:47
ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވައިލައި ފާސްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީން) މިއަދު ބުނީ ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް އެކުލަވާލި ކޮމެޓީން ތައްޔާރުކޮށްފައިވާ އުސޫލަށް ތަފާތު ހަތް އިސްލާހެއް ހުށަހަޅައި މެމްބަރުން ފުޅާދާއިރާއެއްގައި އެ ހުށަހެޅުންތަކަށް ބަހުސްކުރައްވައި އޭގެތެރެއިން ހަ ހުށަހެޅުމެއް ފާސްކޮށްފައިވާ ކަމަށެވެ.
މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކޮމެޓީން އެކުލަވާލާފައިވާ މިންގަނޑުގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ކޭސް ސްޓަޑީއެއް ހެދުމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމާއި ޝަރީޢަތާއި ޤާނޫނާ ދެބައިން ޑިގްރީ ނަންގަވާފައިވާ ނަމަ، އިތުރު މާކުސް ދިނުމަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ވެސް އަންހެން ކެންޑިޑޭޓަކާއި ފިރިހެން ކެންޑިޑޭޓެއްގެ ޖުމްލަ މާކްސް އެއްވަރުވެއްޖެ ނަމަ، ފަނޑިޔާރު ކަމަށް އައްޔަނުކުރުމުގައި އަންހެން ކެންޑިޑޭޓަށް އިސްކަން ދިނުން ހިމެނެ އެވެ.
އެ އިސްލާހްތަކުގެ ތެރެއިން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުތު ފުރިހަމަވާނަމަ އިތުރު މާކްސް ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، ދެންހުރި ހުރިހާ އިސްލާހެއް ވަނީ ފާސްވެފަ އެވެ.
މިއަދުގެ ޖަލްސާގައި ކޮމިޝަންގެ 10 މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޖޭއެސްސީން ބުންޏެވެ.