ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަމަށްވުރެ ވަކިން ޝަރަފްވެރިކަން ލިބޭނޭ އޮތީ އެންމެ މަގާމެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ކަމަށް އެ ކްލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ބަލަކް، އެފްއޭއެމް ހައުސްގައި ރޭ ބޭއްވި ނިއުގެ މިޑްޓާމް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ނިއުގެ ޗެއާމަން ކަމުގައި އޭނާ މިހާރު ހުންނެވި ދައުރު ނިމުމުން ނިއުރޭޑިއަންޓް ދޫކޮށްލަން ނިންމާފައިވާ ކަމަށް ފަތުރަމުން ގެންދާ އަޑުތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

"މީހުން ވާހަކަ ދައްކަމުން އެބަގެންދޭ، މިހާރު ހިނގަމުން މިދާ ޓާމް ނިމުމުން އަޅުގަނޑު، ނިއުގެ ޗެއާމަންކަމުން ދުރަށްދާނޭ ކަމަށް. އެކަމަކު އަޅުގަނޑު އެއަށްވުރެ ބޮޑަށް މި ކްލަބްދެކެ ލޯބިވޭ. މިފަދަ ރަނގަޅު ކުޅުންތެރިން ތަކަކާއި، މެނޭޖްމަންޓާއި، ކޯޗިން ސްޓާފުންނާއި އަދި ސަޕޯޓަރުންނާއެކު މަސައްކަތް ކުރުމުން އަޅުގަނޑަށް މާބޮޑު ހިތްހަމަޖެހުމަކާއި ތަޖްރިބާ ލިބޭ،" ބަލަކް ވިދާޅުވި އެވެ. "ނިއުރޭޑިއަންޓްގެ ޗެއާމަން ކަމަށްވުރެ ޝަރަފްވެރިކަން ލިބޭނޭ އޮތީ އެންމެ މަގާމެއް. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް."

ރޭގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ ޗެއާމަން ފާހަގަ ކުރެއްވި ގޮތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެކަޑެމީއަށް މިހާރު ކުދިން ވެއްދުމަށް ހަމަޖެހިފައިވާ 100 ޖާގަ ފުރިފައިވުމާއެކު، ކައިރި މުސްތަގުބަލެއްގައި ނިއުގެ އެކަޑެމީގެ ހަރަކާތްތައް އަތޮޅުތަކަށް ފުޅާކުރުމަށް އެ ކްލަބުން މިހާރު ރާވަމުން ގެންދަވާ ކަމަށެވެ.