22 Jul 2013, 15:07
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް ވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 539،667 އަށް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއައިސްފައި ވަނީ 458،068 ޓޫރިސްޓުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 76،943 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 28.8 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އައިސްފައި ވަނީ 59،379 ޓޫރިސްޓުންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 57 ޕަސެންޓް އިތުރުވެފަ އެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ގައުމުން އެކަނި 28،000 ޓޫރިސްޓުން އައިސްފައިވެ އެވެ، މިދިޔަ އަހަރުގެ ޖޫން މަހު އެ ގައުމުން އައިސް ފައި ވަނީ 17،809 ޓޫރިސްޓުންނެވެ.
މިދިޔަ މަހު ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ޔޫރަޕުގެ ބޮޑެތި މާކެޓްތަކުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން އައިސްފައި ވަނީ 5،100 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 17 ޕަސެންޓް މަދު އަދަދެކެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޖަރުމަނުން އައިސްފައި ވަނީ 4،421 ޓޫރިސްޓުންނެވެ. މިއީ ހަތް ޕަސެންޓް މަދު އަދަދެކެވެ. ނަމަވެސް ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. އެ ގައުމުން މިދިޔަ މަހު 4،063 ޓޫރިސްޓުންނެވެ.