ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް އެދި އެ ޕާޓީން އަދާލަތު ޕާޓީ އަށް ފައިސާ ހުށަހަޅާފައިނުވާނެ ކަމަށް ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ފައިސާ އާއި ސަރުކާރުގެ ބޮޑު ޕަސެންޓެއް އެ ޕާޓީން ހުށަހެޅި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ސަން އޮންލައިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމިން މިއަދު ވިދާޅުވީ އަދާލަތުން އެ ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށާއި އަދާލަތަށް ފައިސާ ދިނުމަށް ޕީޕީއެމް އިން އެއްވެސް އިރެއްގައި ނިންމާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އާދަލަތު ޕާޓީގެ ބޭފުޅުން ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރި ކަމަށާއި ނަމަވެސް އޭނާ އަދާލަތާ އެކު މަޝްވަރާކޮށްފައި ވެސް ނުވާނެ ކަމަށެވެ.

"އަދާލަތުން އެބުނާ އެއްޗެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން ޕާޓީގެ ފަރާތަކުން އަދާލަތަށް ފައިސާ ހުށަހެޅިކަމެއް ނޭނގޭ. އަޅުގަނޑަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. ޖަމީލަކީ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް، އަޅުގަނޑެއް ހަމަގައިމު ވެސް އަދާލަތުގެ އެއްވެސް ބޭފުޅަކާ ވާހަކައެއް ނުދައްކަން. އަދާލަތުގެ ބޭފުޅުން އަޅުގަނޑުމެންގެ އެކި ފަންތީގެ ބޭފުޅުންނާ ވާހަކަ ދައްކަމުން ދިޔަ ކަމަށް ގަބޫލުކުރެވޭ. އެކަމަކު އަދާލަތަށް ފައިސާ ހުށަހެޅުމަށް ޕީޕީއެމް އިން އެއްވެސް ކަމެއް ފާސްކޮށްފައެއް ނުވާނެ،"

އޭގެ އިތުރުން ޔާމިން ވިދާޅުވީ އަދާލަތުން ޕީޕީއެމްގެ އިސް ބޭފުޅުންނާ ވާހަކަ ދައްކަމުންދިޔަ އިރު ފައިސާގެ ވާހަކައެއް ދެކެވިފައި އޮތަސް އޮންނާނީ ކޯލިޝަން ހަދާނެ ޝަރުތަކަށް ފައިސާ ދިނުން އެ ޕާޓީއަކުން ހުށަހެޅުމުން ކަމަށް ވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

"ފައިސާގެ ވާހަކައުޅޭ ކަމަށް ވަންޏާ އަޅުގަނޑުމެންނާ ކޯލިޝަން ހަދަން ބޭނުންވާ މީހުންގެ ޝަރުތަކަށް އެކަން ވެއްޖެއްޔާ އެ ވާހަކަ ދެކެވިފައި އޮވެދާނެ ކަންނޭނގެ. އެކަމު އެއީ އަޅުގަނޑުމެންނާ ހަމައިން ދައްކާފައި އޮތް ވާހަކައެއް ނޫން. އަޅުގަނޑަށް އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް، " ޔާމިން ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ޕާޓީއާ އެކު ކޯލިޝަންހެދުމަށް ފަހު އެ ކޯލިޝަނުން ވަކިވެގެން ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެފައި ވަނީ ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް އެދި ޕީޕީއެމް އަދާލަތަށް ފައިސާ އާއި ސަރުކާރުގެ ވަކި ވަރަކަށް މަގާމުތަށް ދޭން ހުށަހެޅި ކަމަށެވެ.