ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ހާޒިރުކުރުމަށް އެ ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުން އިދާރާ އިން ބުނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަބްދުﷲ ރިޔާޒު ކަޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެކޮމިޓީ އަށް ހުށަހަޅި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަަށް މިމަހުގެ 17 ވަނަ ދުވަހު އޭނާ އެކޮމީޓީ އަށް ހާޒިރުކުރުމަށް ކޮމިޓީން ނިންމި އެވެ. ނަމަވެސް އެ މައްސަލައަކީ ޖިނާއީ ތުހުމަތުތަކެއް އެކުލެވިގެންވާ ކަމެއް ކަމުގައި ވާތީ އެ ކޮމީޓީ އަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭ ގާނޫނީ ހަމައެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސަށް ފުލުހުންގެ އިދާރާ އިން ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީ އާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުން ވަނީ ފަސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުން ދީފައިވާ އިސްތިޝާރީ ލަފައަށް ރިއާޔަތްކޮށް މަޖިލީހުން ރިޔާޒަށް ފޮނުއްވި ޖަވާބުގައި ބުނެފައި ވަނީ ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ މަގާމެއްގައި ހުރި ކޮންމެ މީހަކަށާއި މުއައްސަސާތަކަށާއި އެ މުއައްސަސާތަކުގެ މަގާމެއްގައި ހުރި ކޮންމެ މީހަކަށާއި ވަކި ވަކި ފަރުދުންނަށް މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އެންގުމަކީ މަޖިލީހަށާއި މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށް ލިބިދީފައިވާ ދުސްތޫރީ ބާރެއް އަދި ދުސްތޫރީ މަސްއޫލިއްޔަތެއް ކަމާމެދު އިއުތިރާޒުކުރެވިދާ ފަދަ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

"މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށާއި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާ ކުރާ ކޮންމެ ސުވާލުކަށް، އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދު ބަހުން ޖަވާބު ދޭންވާނެ ކަމަށް ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ)ގައި ކަނޑައެޅިގެން ބަޔާންކުރާ ކަމަށެވެ. އަދި މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިގެން ބަޔާންކުރާ ކަމަށް ވެސް ބުނެފައިވެ އެވެ،" މަޖިލީހުގެ ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން ހާޒިރުވެ، ޖަވާބުދާރީވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސަވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާ އިން ލާޒިމްވެގެންވާ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އަބްދުﷲ ރިޔާޒް ކޮމިޓީ އަށް ހާޒިރުކުރުމަށް އެކޮމިޓީން މަސައްކަތްކޮށްފައިވަނީ ރިޔާޒު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަން ކުރުމުގައި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މަކަރާ ހިލަތް ހެދުމުގެ ކުށް ކުރައްވާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 102 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަކީ ސަރުކާރުގެ އިދާރާތަކާގުޅޭ ކޮމިޓީތަކުގެ ތެރެއިން މަޖިލީހުގެ ގަވާއިދުގެ 98 ވަނަ މާއްދާގެ ދަށުން ހާއްސަ މަސްއޫލިއްޔަތެއް ލިބިގެންވާ ކޮމިޓީއެއް ކަމަށެވެ. އެ ކޮމިޓީއަކީ ސަރުކާރުގެ ވަކި އިދާރާއަކަށް އެ ކޮމިޓީގެ މަސްއޫލިއްޔަތު ހަނިވެގެންނުވާ އަދި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ވެސް އެ ކޮމިޓީގެ ބާރު ހިނގާނެ ގޮތަށް މަސްއޫލިއްޔަތު ރޭވިފައިވާ ކޮމިޓީއެއް ކަމަށެވެ.

"ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހަމައެކަނި ނުބެލޭނީ، ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ދާއިރާގެ މަސައްކަތްތެއް ކަމަށާއި ނަމަވެސް ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށް ވެސް އެ ކޮމިޓީއަކަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައިގަތުމުގެ ބާރު ލިބިދީފައިވެ އެވެ،" މަޖިލީހުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ރިޔާޒު މަޖިލީހަށް ހާޒިރުކުރުމަށް އެކޮމިޓީން މަަސައްކަތްކުރަމުން ގެންދަނީ ޖާތީ ތައައްސުބެއްގެ މައްޗަށް ބިނާކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި ބިރު ދެއްކުމަށް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް މަޖިލީހަށް ރިޔާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ރިޔާޒު ހާޒިރުކުރެއްވުމަށް ނިންމަވާފައި ވަނީ 16 ޖުލައި 2013ގައި ބޭއްވި އެ ކޮމިޓީގެ ގާނޫނީ ޖަލްސާއެއްގައި ކަމަށާއި މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓިއެއްގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ނިންމަވާ ކަންތައްތައް އެއީ ޒާތީ ގޮތެއްގައި ނިންމަވާ ކަމެއް ނޫން ކަމަށް ވެސް މަޖިލީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.