22 Jul 2013, 14:36
އއ. ރަސްދޫން މަހަށް ނުކުމެ އުޅުނު ދޯންޏަކުން އއ. ތޮއްޑޫ ބަޔަކު އުނދަގޫ ކުރަމުން ގެންދާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ދިޔަ ފުލުހުންގެ ޓީމަށް ހުރަސްއެޅި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޮއްޑޫ ބޭރަށް މަހަށް ނުކުމެ އުޅުނު ރަސްދޫ ދޯންޏަކަށް ތޮއްޑޫގެ ބަޔަކު ޖެއްސުންކޮށް އުނދަގޫ ކުރަމުން ގެންދާ ކަމަށް ބުނެ ފުލުހުންނަށް ތަކުރާރުކޮށް ހުށަހަޅައިފައިވާ ކަަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ރޭ އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމެއް އެ ދޯނި އޮތް ސަރަހައްދަށް ދިޔަ އިރު އިތުރު ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އެމީހުން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެމީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމަށް ފަހު އެސަރަހައްދު ދޫކޮށް ގޮސް ތޮއްޑުއަށް އަރާފައިވާ ކަމަށެވެ.
"ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ދިޔަ އިރު އިތުރު ބަޔަކު ރަސްދޫ ދޯނި ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ، އެމީހުން ކައިރީގައި މަޑުކުރާށޭ ފުލުހުން ބުނުމުން މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސް ތޮއްޑޫއަށް އެރީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު ފަހު ފުލުހުން އެރަށަށް ގޮސްފައި ކަމަށެވެ.
ތޮއްޑޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ތޮއްޑޫގެ ފަރުމައްޗަށް އައިސް ރަސްދޫގެ ދޯންޏަކުން މަސްވެރިކަން ކުރަމުން ގެންދާތީ އެ ރަށުގެ ގިނަ ބަޔަކު ހިތްހަމައެެއް ނުޖެހެ އެވެ. އަދި އެކަމާ ހިތްހަމަނުޖެހިގެން ރަސްދޫ ދޯންޏަށް ގާ އުކާ ވެސް ހެދި ކަމަށް ބައެއް މީހުން ބުންޏެވެ.