ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު އައްޔަންކުރެއްވި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރުމުން އެ އޮތޯރިޓީގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ސިވިލް ކޯޓުން މިއަދު އެފަދަ އަމުރެއް ނެރެފައި ވަނީ ޑރ. އާސިމް އެލްޖީއޭގެ ރައީސް ކަމަށް އައްޔަން ކުރުމަށް ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށް އެދި އެ އޮތޯރިޓީގެ ނާއިބް ރައީސް ސުޖާއު ހުސައިން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރަކަށް އެދުމުންނެވެ.

އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ ތެރޭގައި އެލްޖީއޭގެ ރައީސްކަމަށް ޑރ. އާސިމް އައްޔަން ކުރުމަށް ފާސްކޮށްފައިވެ އެވެ. އެލްޖީއޭގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސް ކަމަށް ވާތީ މި އަމުރުގެ ސަބަބުން ސިވިލް ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެލްޖީއޭގެ ބައްދަލުވުންތަކުގެ ރިޔާސަތު ޑރ. އާސިމް އަށް ނުބެލެހެއްޓެވޭނެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގެ ސަބަބުން އެލްޖީއޭގެ މަސައްކަތްތައް ހުއްޓިފައިވާތީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.