ތިލަފުށި ކޮޕަރޭޝަނަށް ހެވީލޯޑް މޯލްޑިވްސް އިން ދޫކުރި 16 މިލިއަން ރުފިޔާގެ ޗެކެއް ބައުންސްވެފައިވާ މައްސަލައަކާ ގުޅިގެން، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަރިފުޅުގެ މައްޗަށް ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.

މިމަހުގެ 16 ވަނަ ދުވަހު ޕީޖީ އަށް ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކުރަނީ މ. ގުލްހަޒާރުގެ، މުދުރިކަތު މޫސާ،25،ގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ހެވީލޯޑް ޕްރައިވެޓް ލިމިޓެޑުން ތިލަފުށި ކޯޕަރޭޝަނަށް ދޫކޮށްފައިވާ 16،191،000ރ.ގެ، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ޗެކެއް ބައުންސްވެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ތިލަފުށީގެ ބިން ހިއްކުމަށް، ހަވާލުކޮށްފައިވާ ހެވީ ލޯޑް ޕްރޮޖެކްޓް ގެރެންޓީއެއްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އަށް ދޫކޮށްފައިވާ ޗެކް ބައުންސް ވެފައިވާތާ މަސްތަކެއް ފާއިތުވި އިރު ވެސް އެ ގެރެންޓީ ޗެކް އިއާދަ ކޮށްދީފައި ނުވާ ކަމަށް ޓީސީއެލްއިން ވަނީ ބުނެފަ އެވެ.

ހެވީލޯޑުން ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއު 2011 ވަނަ އަހަރުގެ ފަހުކޮޅު ހުއްޓާލުމުން އަލުން މަޝްރޫއު ފެށުމުގެ ގެރެންޓީއެއްގެ ގޮތުން ޓީސީއެލް އަށް ދޫކޮށްފައިވާ 16.1 މިލިއަން ރުފިޔާގެ ޗެކް މިދިޔަ އަހަރުތެރޭ ބައުންސްވީ ޗެކްގެ މުއްދަތު ހަމަވާތީ ކޭޝްކުރަން ބޭންކަށް ހުށަހެޅުމުން ނެވެ.

ފިނޭންސް މިނިސްޓްރީން އޭރު ބުނެފައި ވަނީ އެ ޗެކް ކޭޝްކުރަން ހުށަހެޅީ ވެސް ޗެކްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ހެވީލޯޑުން އެކަމަށް އިޖާބަ ނުދިނުމުން ކަމަށެވެ.

ތިލަފުށީ ފަޅުން 130 ހެކްޓަރުގެ ބިން ހިންކަށް ހެވީލޯޑް މޯލްޑިވްސްއާ އެ މަޝްރޫއު ހަވާލުކުރީ 269.85 މިލިއަން ރުފިޔާ އަށް 2010 ވަނަ އަހަރު ސެޕްޓެމްބަރުގެ ފަހުކޮޅު އެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެވީލޯޑާ ހަވާލުކުރީ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީ އިން ހުށަހެޅި އަގަށް ވުރެ 102.45 މިލިއަން ރުފިޔާ ބޮޑުކޮށެވެ. އެމްޓީސީ އިން އެ މަސައްކަތަށް ހުށަހެޅީ 167.4 މިލިއަން ރުފިޔާ އެވެ.