ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އެ އަތޮޅު ހިންނަވަރު އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖެހިތަނާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.


‹ސުހާނާގެ ގަޔަށް ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމުން ކުއްލި ގޮތަކަށް މަރުވީ އަނގައިންނާއި ކަންފަތުން ލޭ އައައުމަށްފަހު›


ކުއްލި ގޮތަކަށް މަރުވީ ހިންނަވަރު ޖަސްތުކަފާގޭ، އައިޝަތު ސުހާނާ ޝާހިދުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސުހާނާ ނައިފަރަށް ގެންދިޔައީ އޭނާގެ ގައިގައި ފިތްތަކެއް ނަގައިގެން ކަމަށެވެ. އަދި ނައިފަރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ބޭރު ނަރުހެއް ގޮސް ސުހާނާގެ ގަޔަށް ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމުން އަނގައިންނާއި ކަންފަތުން ލޭ އައައުމަށްފަހު މަރުވީ ކަމަށެވެ.


ސުހާނާގެ ބައްޕަ ޝާހިދު މުހައްމަދު ފުޅު ބުނީ އޭނާގެ ހަމައެކަނި ހުރި ދަރިފުޅު މަރުވީ އެލާޖިކް ވެގެން ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ރަނގަޅުވެގެން ދޫކޮށްލަން ނިންމާފައި ވަނިކޮށް ސުހާނާ ރޯން ފެށުމުން ނަރުހެއް އައިސް ދެ އިންޖެކްޝަން ޖެހިތާ މިނިޓެއް ތެރޭ ކަމަށެވެ.


" ނަރުސް އައިސް އިންޖެކްޝަން ޖެހިތަނާ މިނިޓެއް ވާނީ ހުދުވެފައި އިދިފުށަށް ދަމާ ގޮތެއްވެފައި ދަރިފުޅު މަރުވީ" ޝާހިދު ބުންޏެވެ.


ސުހާނާ މަރުވިއިރު މާލޭގައި ހުރި ދަރިފުޅުގެ ބައްޕަ ޝާހިދު ބުނީ މީގެ ކުރިން ވެސް ދަރިފުޅު އެލާޖިކް ވެގެން އިންޖެކްޝަން ޖަހާ ކަމަށެވެ. ނަމަވެސް އެކަހަލަ ކަމެއް ދިމާވެފައިނުވާ ކަމަށެވެ.


" ޑޮކްޓަރު ބަލާފައި ބުނީ އަތްވަށް ނުނެރޭށޭ. އެހެންވެ އެތާ އެތެރޭ ދަރިފުޅު ހީ ސަމާސާކޮށް އުޅެފައި ކޮންމެވެސް ކަމަކާ ރޯން ފެށީމަ ނަރުސް އައިސް އިންޖެކްޝަން ޖެހީ. އެމީހުން ބުނި ނުޖަހާށޭ ވެސް" ޝާހިދު ބުންޏެވެ.


ނައިފަރު ހޮސްޕިޓަލުން ބުނީ އެމައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަމުން ގެންދާތީ މިވަގުތު އެއްވެސް މަޢުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ.


ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ އެ ނަރުސް އަދިވެސް މަސައްކަތް ކުރަނީ އެ ރަށު ހޮސްޕިޓަލުގައި ކަމަށާއި އެ ނަރުހަކީ ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ހޭ ނައްތާ ބޭރު ޑޮކްޓަރެއްގެ އަންހެނުން ކަމަށެވެ.


ހަމައެކަނި ހުރި ދަރިފުޅު (ސުހާނާ)ގެ މަރާ ގުޅިގެން އޭނާގެ މަންމަ އަށް ލިބުނު ޝޮކަކާ ގުޅިގެން މިހާރު ވަނީ މާލެ ގެނެސްފައެވެ.


ދެހާސް ހަތްވަނަ އަހަރު ގދ. ފަރެހުގެ ތިން އަހަރުގެ ކުޑަ އަންހެންކުޖެއްގެ ގަޔަށް ގދ. ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރު ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތް ބީރުވި މައްސަލައެއް މިހާރުވެސް ހައި ކޯޓުގައި ހިނގަމުން އެބަދެ އެވެ.