22 Jul 2013, 14:08
މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ނަގަމުން ދިޔަ ކަމުގެ ތުހުމަތުގައި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ނަގަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. ހައްޔަރުކުރި ކުއްޖަކީ ކުށުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ބޭނުން ކޮށްފައި ވަނީ މީހުންގެ އަތުން ފައިސާ ނެގުމަށް މެދުވެރިއެއްގެ ގޮތުގަ އެވެ. އަދި ހުރިހާ މުޢަމަލާތްތަކެއް ކުރަމުން ގެންދަނީ ފޯނު މެދުވެރިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ފޯނު މެދުވެރިކޮށް މުޢަމަލާތްތައް ހިންގަމުން ދަނީ ދިގު މުއްދަތަކަށް ޖަލަށް ލާފައި ތިބޭ ކުށްވެރިންކަން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި ފައިސާ ހޯދުމަށް އަމާޒުކޮށްފައި ވަނީ ހާއްސަ ގޮތެއްގައި ވިޔަފާރި ވެރިންނާއި ފައިސާގެ ތަނަވަސްކަން ހުންނަ މީހުންކަން އެނގިފައިވާ ކަމަށެވެ.
ގޮތް ނޭގޭ ފޯން ކޯލްތަކާއި އެފަދަ ކަންކަމަށް ކުރިޔަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.