އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓްގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް 16.8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާ ކަމަށް، އޮޑިޓް އޮފީހުން މިއަދު ނެރުނު ސާކު ސަމިޓާ ބެހޭ އޯޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއި ކުރައްވައި މިއަދު ނެރުއްވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ، ސާކް ސަމިޓްގެ ރަސްމީ ބައްދަލުވުންތަކާއި ހަވާސާގައި ހިންގި ހަރަކާތްތަކުގެ ސައުންޑާއި ލައިޓިންގެ އިތުރުން ކުޅިވަރުގެ ބައެއް މަސައްކަތް ހަވާލުކޮށް، ކުރުވުމަށް، 16،851،611.37ރ. ހަރަދުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 އަދި 8.15ގައިވާ ގޮތުގެ މަތިން، މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްގެން ނޫން ކަމަށާއި އޭރު ރައީސް އޮފީހުގައި ހިންގަމުން ގެންދިޔަ "ސާކް ޓާސްކްފޯސް ސެންޓަރު"އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުން ފޮރިން މިނިސްޓްރީން އެބަޔާކާ އެއްބަސްވުމެއް އެކުލަވާލައިގެން މަސައްކަތް ހަވާލު ކުރީ ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން މަސައްކަތްތައް ކުރުވުމުގައި ޓެންޑާ ބޯޑަށް ހުށަހަޅަން ޖެހޭ އަގުތަކުގެ މަސައްކަތް ޓެންޑާ ބޯޑަށް ހުށަހަޅާފައި ނުވާ އިރު، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެކި ފަރާތްތަކަށް އެޑްވާންސް ފައިސާ ދިނުމުގެ އިތުރުން އެ މަސައްކަތްތައް ކުރުވާފައި ވަނީ، ވާދަވެރި ބީލަމެއްގެ ތެރެ އިން ހޯދާފައިވާ އަގުތަކެއްގައި ނޫން ކަމަށާއި އަދި މަސައްކަތާ ނުގުޅޭ ވަރުގެ ބޮޑެތި އަގުތަކެއްގައި ކަމަށް ވެސް އޯޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، ސާކް ސަމިޓުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ރާވައި ހިންގުމުގެ މަސައްކަތް އިއުލާން ކުރުމަކާއި ނުލައި، 5،242،750ރ. އަށް މޯލްޑިވްސް އެންޓަޓެއިންމެންޓް ކޮމްޕެނީއާ ހަވާލުކޮށްފައިވާ އިރު މަސައްކަތުގެ އެޑްވާންސްގެ ގޮތުގައި 786،412ރ. ހަވާލުކޮށްފައިވާ ކަމަށާއި އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށްވެ އެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން މުނިފޫހި ފިލުވައިދޭ ގްރޫޕްތަކުގެ ކެއުމާއި އެކަމަޑޭޝަން 1،680،540ރ. އަށް ގަނެ އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އަދި ގޮތް ނޭނގޭ މިއުޒިކް ސާމާނުތަކެއް ގަތުމަށް ހަވާލުކޮށްފައިވާ ކަމަށް ވެސްވެ އެވެ.

ގައުމުތަކުގެ ވެރިންނަށް ހުޅުމީދޫގައި ބޭއްވި، ރޭގަނޑުގެ ފަރިއްކޮޅު ހިނގަމުން ދިޔަ ގަޑީގައި މުނިފޫހިފިލުވުމުގެ ކަންތަކަށް 1،271،200ރ. ހަރަދުކޮށްފައިވާ ކަމަށާއި އަދި ފުވައްމުލަކުގައި، ވެރިންގެ އަނބިއަނބިކަނބަލުންނަށް ބޭއްވި ހަފްލާގެ ހަވާސާގައި ހިންގި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަށް 1،332،000ރ. އާ އެކު، މުނިފޫހިފިލުވުމުގެ ހިދުމަތްދޭ އާންމު ފަރުދަކާ ހަވާލުކޮށް ދެ އެއްބަސްވުމެއް އެކުލަވާލައި 2،603،200ރ. ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އޮޑީޓާ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ފުވައްމުލަކު މައިލޯ ދަނޑުގައި ސްޓޭޖެއް ހެދުމާއި ޑީޖޭ އާއި ތްރީ ޕީސް ބޭންޑުތަކަށް ސްޓޭޖެއް ހެދުމުގެ މަސައްކަތް ޓެންޑާ ބޯޑަށް ހުށާ ނާޅައި އިއުލާނު ކުރުމަކާނުލައި، 1،897،569ރ. އަށް ހަބް ކޮމްޕެނީއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް، ސަދަން ޔުޓިލިޓީސް ލިމިޓެޑާއި، ފުވައްމުލަކު އަންހެނުންގެ ކޮމިޓީތަކާއި އަތޮޅު ކައުންސިލް ގުޅިގެން ކޮށްފައިވާ އިރު އެ މަސައްކަތުގެ އަގުގެ ގޮތުގައި ހަބް ކޮމްޕެނީ އަށް 84،000ރ. ދީފައިވާ ކަމަށްވެ އެވެ.

ސާކް ސަމިޓްގެ ވެރިންގެ ޝަރަފްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ފަރިއްކޮޅު، ހުޅުމީދޫގައި ބޭއްވުމަށް ހެދި މަލްޓިޕާޕަސް ހޯލުގެ ސެޓް ޑިޒައިންއާއި ލައިޓިން ހެދުމަށް ވެސް 1،920،682ރ. އަށް "ބީމް އޮން"އާއި ހަވާލުކޮށްފައިވާ އިރު ވަކި މަސައްކަތެއްގެ ގޮތުގައި 2،400،000ރ. އަށް ސައުންޑު މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސް ޕޭމަންޓް ގެރެންޓީގެ އެއްވެސް މައުލޫމާތެއް ނެތި، އެ ކުންފުންޏަށް ބޮޑު އަދަދެއްގެ އެޑްވާންސް ފައިސާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އޮޑީޓާ ނެރަލްގެ ރިޕޯޓުގައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ބޭކާރު ހަރަދުތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އަދި އިހްމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ކުރިއަށް އޮތްތަނުގައި ސަރުކާރުން އެފަދަ ކަންތައްތައް ރާވައި ހިންގާއިރު ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުމަށް ގޮވައިލާ ކަމަށެވެ.