22 Jul 2013, 13:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ސަސްޕެންޑު ނުކޮށް އޭނާ ހިލޭ އަންހެނަކާ އެކު "ބަދުއަޚުލާގީ އަމަލު" ހިންގި މައްސަލަ ނުފޫޒެއް ނެތި އިންސާފުވެރިކަމާ އެކު ތަހުގީގު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޯލްޑިވްސް ބާ އެސޯސިއޭޝަނުން ބުނެފި އެވެ.
ބާ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިއްޖެ ނަމަ އެ ތުހުމަތު ފިލައިގެން ހިނގައްޖެއުމަށް ދާންދެން އެ ފަނޑިޔާރަކު ޝަރީއަތް ކުރައްވަން އިންނެވުމަކީ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ކަމެއް ކަމަށެވެ. އެކަމަކީ މިނިވަން ދިމިގްރާތީ މުޖުތަމައުގައި އަމަލުކުރަމުން ގެންދާ ހަމަތަކާ ތައާރަޒުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަލީ ހަމީދުގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ އިއްތިފާގުން އޭނާ ސަސްޕެންޑު ކުރަން ފާސްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ނިންމާފައި ނުވާތީ ތަހުގީގު ކޮމެޓީގެ މަސައްކަތްތައް ފުރިހަމައަށް އަދާކުރެވިދާނެ ކަމަށް އެ އެސޯސިއޭޝަނުން ނުދެކޭ ކަމަށެވެ.
ފަނޑިޔާރެއްގެ މައްޗަށް ކުރެވޭ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތަކަށްވާ އިރު މި ތުހުމަތާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތައް އަޅަމުންގެންދާތަން ރައްޔިތުންނަށް ފެނުމަކީ ޖުޑީޝަރީގެ އިތުބާރާއި ކަރާމާތް ދެމެހެއްޓުމަށް މިވަގުތު ކުރެވެން އޮތް އެންމެ މުހިންމު ކަންތައް އެއެސޯސިއޭޝަނުން ގަބޫލުކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ވަކިފަރާތެއްގެ މަސްލަހަތަށް ވުރެ ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްކަންދޭން ޖެހޭނީ މުޅި ޖުޑީޝަރީގެ އިންޓެގްރިޓީ ދަމަހައްޓައި ހުރިހާ ކޯޓުތަކުގެ ކަރާމާތާއި ހުރުމަތް ރައްކާތެރިކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަލީ ހަމީދު ހިލޭ އަންހެނަކާ އެކު "ބަދުއަޚުލާގީ އަމަލު" ހިންގާ ވީޑިއޯގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދެ މެންބަރަކު ވަނީ އިސްތިއުފާދެއްވާފަ އެވެ.
އެ ދެ މެންބަރުންނަކީ ޖޭއެސްސީގެ ނާއިބް ރައީސް އަބްދުﷲ ދީދީ އާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ލަތީފާ ގާސިމް އެވެ.