22 Jul 2013, 13:23
"ވާދަވެރި ރަނިންމޭޓަކު" ލިބިވަޑައި ނުގެންނެވުމުން ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވައި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ކުރެއްވުމަށް ޑރ. މުހައްމަދު ސައުދު ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ސައުދު ނިންމެވީ އެމަނިކުފާނަށް ތާއިދު ކުރައްވާ ތިން ޕާޓީއަކާ މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. އެއީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް (އެމްއެންސީ)އާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ސައުދު ވިދާޅުވި އެވެ.
"މި ފަހަރު ރިޔާސީ އިންތިހާބަށް ފޯމް ހުށަނާޅުއްވަން އަޅުގަނޑު މި ނިންމީ. ރައްޔިތުންނަށް އެނގިގެންދާނެ އަޅުގަނޑު ޕްރެޒިޑެންޝަލް އެންބިޝަނެއް އޮތް ކަން. އެހެންވީމާ ދެން އެހެން ފަހަރެއްގައި އަޅުގަނޑު ކުރިމަތިލާނަން،" ސައުދު ވިދާޅުވި އެވެ. "އަޅުގަނޑުގެ ރަނިންމޭޓު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އަޅުގަނޑަށް ސޮއި ދެއްވި ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ތާއިދު ކުރައްވާ ބޭފުޅުންނާއި އައިޑީޕީގެ މަސްލަހަތު އޮތް ގޮތަކަށް އެހެން ކެންޑިޑޭޓަކަށް ތާއިދު ކުރާނަން. އެއީ ދެން އޮތް އުސޫލަކީ،"
ސައުދު ވިދާޅުވީ އައިޑީޕީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އެ ޕާޓީގެ މަސްލަހަތު އޮންނަ ގޮތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ތާއިދު ކުރެއްވުމަށް ނިންމަވާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އޭނާ ތާއިދު ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު އިއުލާން ކުރައްވާނެ ކަމަށެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ތާއިދު ކުރެއްވުމަށް ނިންމަވާ އިރު އޭނާ އަށް ތާއިދު ކުރާ ކުރީގެ ވަޒީރުންނާއި އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުޅަދާނަ ވާދަވެރި ރަނިންމޭޓަކު ލިބިވަޑައިނުގެންނެވި ކަމަށް ސައުދު ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ރަނިންމޭޓު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވާފައިވަނިކޮށެވެ. އެ ބޭފުޅުންނަކީ އަހްލާގީ ތައުލީމީ ގާބިލް ބޭފުޅުންނަށް ވިޔަސް، ސިޔާސީ މައިދާނަށް ވާދަވެރި ބޭފުޅުންނެއް ނޫން ކަމަށް ސައުދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ބޭފުޅުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.