22 Jul 2013, 13:00
އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ތައްޔާރުވި އިރު ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހާޝިމާއި ރައީސް އޮފީހުގެ ކުރީގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމު އަދި ކުރީގެ އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީގެ ހިއްސާ އޮންނަ ލިންޓެލް އިންވެސްޓްމަންޓަށް 1.8 މިލިއަން ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް އަދި ވިލާ ޝިޕިން އަށް 2.4 މިލިއަން ރުފިޔާ ގަވައިދާ ހިލާފަށް ދީފައިވާކަން ހާމަވެއްޖެ އެވެ.
ސަން އޮންލައިނަށް ލިބިފައިވާ ސާކް ސަމިޓްގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލި އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސާކް ސަމިޓަށް ހާއްސަކޮށްގެން އިމާރާތް ކުރި ކޮންވެންޝަން ސެންޓަރުގައި ބެހެއްޓި ދެ ޑިސްޕުލޭ ޔުނިޓް ގަތުމަށް 1.8 މިލިއަން ރުފިޔާ ލިންޓެލް އިންވެސްޓްމެންޓް މެނޭޖްމަންޓް ސާވިސަސް އަތުން ގަނެފައި ވަނީ ޓެންޑާ ބޯޑަށް ހުށަނާޅާ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށެވެ.
އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލަ އޭސީސީ އަށް ހުށައަޅައިގެން އިތުރަށް ތަހުގީގް ކުރުމަށް ލަފާއަރުވާފަ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސަރުކާރުން ހަވާލުކޮށްގެން ސަދަން ޔޫޓިލިޓީސް ލިމިޓެޑް (އެސްޔޫއެލް) އިން ކުރަމުން ދިޔަ އައްޑޫގެ މަގު ހެދުމުގެ މަސައްކަތަށް ވިލާ ޝިޕިން އިން ގެންދިޔަ ތާރު މެޝިނަކަށް އެކުންފުއްޏަށް ދައްކަން ޖެހޭ 2.4 މިލިއަން ރުފިޔާ އަކީ އެ ސްޔޫއެލް އިން ދައްކަން ޖެހޭ ފައިސާއެއް ކަމަށްވާ އިރު އެ ފައިސާ ދައްކާފައި ވަނީ ފިނޭންސްގެ ހާއްސަ ބަޖެޓުން ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ވަނީ ރައީސް އޮފީހުގެ އެންގުމަކަށް ކަމަށް ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވަނީ އެ ފައިސާ ދެއްކުމުގައި އިހުމާލުވެފައި ވާތީ ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އެފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް ލަފާއަރުވާފަ އެވެ.
އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރުކަންތައްތަކުގެ ތެރޭގައި ކޮންވެންޝަން ސެންޓަރު ޑިޒައިންކޮށް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވާ އިރު އަދި އެ މަސައްކަތް ހަވާލުކުރި އަގަކީ 210 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ތަފާތު އެކި ސަބަބުތަކާ އެކު އެ މަސައްކަތް ނިމުނު އިރު މަސައްކަތުގެ އަގަށް އިތުރު 61 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މާލިއްޔަތު ގަވައިދާ ހިލާފަށް އެޑްވާންސް ފައިސާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން މާލިއްޔަތު ގަވައިދާ ހިލާފަށް ސަދަން ޔުޓިލިޓީޒް އާ ހަވާލުކުރި މަސައްކަތްތަކަށް ދައުލަތަށް 5.9 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާކަން ވެސް އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެރިޕޯޓްގައި ބުނެފައި ވަނީ ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތަށް ސަދަން ޔުޓިލިޓީޒް އަށް ފައިސާ ނަގާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ހަމައެއާ އެކު ސާކްސަމިޓަށް މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 436.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އެ އޮޑިޓް ރިޕޯޓްގައި އޭރުގެ ރައީސް އޮފީހުގެ ޒިންމާގެ ދަށުން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އަންދާސީ ހިސާބު ހޯދުމަކާ ނުލައި މާލިއްޔަތު ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާފައިވާ ކަމަށާއި އަދި ބަދަލު ދެވުނީ ކޮންކޮން އެއްޗަކަށްކަން ނޭނގި 95،000 ރުފިޔާ ބަދަލު ގޮތުގައި ދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ޑިފެންސް މިނިސްޓުރީގެ ޒިންމާގެ ދަށުން ވެފައިވާ ކަންތައްތަކުގެ ތެރޭގައި އެސަމިޓުގެ ބޭނުމަށް ހޯދި 5000 ޕްރޮކުސިމިޓި ކާޑް ވަކި ފަރާތެއްގެ އަތުން ގަތުމަށް މަސައްކަތްކޮށްފައިވުމާއި މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސަށް ދޫކުރި 350،000 ރުފިޔާ ލިބިފައި ނުވާ ކަން ފާހަގަކޮށްފައިވެ އެވެ.
އެއޮޑިޓް ރިޕޯޓްގައި ބުނެ ވަނީ ގާނޫނާއި ގަވައިދާ ހިލާފަށްކުރި ކަންކަން ބެލުމަށް ފަހު ފިޔަވަޅުއެޅުމަށް ލަފާއަރުވާފަ އެވެ.