22 Jul 2013, 11:47
ބްރަސަލްސް (ޖުލައި 22): ބެލްޖިޔަމްގެ ރަސްގެފާނު އަލްބަޓް ދެވަނަ ރަސްކަމުން ތަނާޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން އަދި ވަލީއުލްޢަހްދު ޕްރިންސް ފިލިޕް އާ ރަސްކަން ޙަވާލުކުރައްވައިފި އެވެ.
ރަސްކަން ޙަވާލު ކުރެއްވުމުގެ ގޮތުން ދެއްވި ޚިތާބުގައި އުމުރުން 79 އަހަރުގެ އަލްބަޓް ދެވަނަ ވަނީ ބެލްޖިޔަމްގެ ރަސްގެފާނުގެ ޙައިސިއްޔަތުން އޭނާގެ ދަރިކަލުން ޕްރިންސް ފިލިޕް އަށާއި ފިލިޕްގެ އަނބިކަނބަލުން (މުސްތަޤްބަލްގެ ރާނީ) މާތީލްދް އަށް ތާއީދާއި އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެގައުމުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. މިމަހުގެ ކުރީކޮޅު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އަލްބަޓް ދެވަނަ ވަނީ އޭނާގެ ސިއްޙީ ޙާލުކޮޅު ހުރިގޮތުން ރަސްކަމުގެ ޒިންމާތައް އުފުއްލަވަން ދަތިކަމަށް ވިދާޅުވެ މިމަހުގެ 21ގައި ދަރިކަލުން ފިލިޕް އާ ރަސްކަން ޙަވާލުކުރައްވާނެކަން ރައްޔިތުންނަށް އަންގަވާފަ އެވެ.
އުމުރުން 53 އަހަރުގެ ފިލިޕްއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރިސިޓީންނާއި އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީން ތަޢްލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ބެލްޖިޔަމް އަކީ ޔޫރަޕްގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ދަސްތޫރީ ރަސްކަމެއް އޮންނަ ގައުމެކެވެ. އެގައުމުގެ ވެރިކަމުގެ ޙަޤީޤީ ބާރުތައް އޮންނަނީ ދިމިޤްރާތީ ގޮތުން ވެރިކަން ޙަވާލުކުރެވޭ ބޮޑުވަޒީރާއި އިންތިޚާބު ކުރެވޭ ޕާލަމެންޓެއްގެ އަތްމަތީގަ އެވެ. ރަސްގެފާނަކީ ދައުލަތުގެ ރަމްޒެއްގެ ގޮތުން ހުންނަވާ އަދި ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ޝަރަފުވެރި ބޭފުޅެކެވެ.
ބެލްޖިޔަމްގެ ރައްޔިތުންނަކީ މައިގަނޑު ގޮތެއްގައި ދެދަރިކޮޅަކަށް ނިސްބަތްވާ ބައެކެވެ. އެއީ ފެލެމެންކީ ދަރިކޮޅާއި ފަރަންސޭސި ދަރިކޮޅެވެ. މިދެ ދަރިކޮޅުގެ މީހުންގެ މެދުގައި އަރާރުންތައް މާބޮޑަށް ފާޅުނުވި ނަމަވެސް ހިމޭން ނުތަނަވަސްކަމެއް އަބަދުވެސް އޮވެ އެވެ. އަދި ބައެއްފަހަރު އަރާރުންތައް ފެންމަތިވެސްވެ އެވެ. ބެލްޖިޔަމްގެ ރަސްގެފާނަށް ލިބިފައިވާ ޤާނޫނީ ބާރުތަކުގެ ތެރޭގައި ގައުމުގެ މަސްލަޙަތަށް ޓަކައި ބޭނުންވެއްޖެ ޙާލަތެއްގައި ޕާލަމެންޓް އުވާލައި އައު އިންތިޚާބަކަށް މަގުފަހި ކުރުމާއި އެގައުމުގެ ފެލެމެންކީ ދަރިކޮޅާއި ފަރަންސޭސި ދަރިކޮޅުގެ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމުގައާއި ސިޔާސީ ފަރާތްތަކުގެ ކޯޅުންތަކުގެ ސަބަބުން ކުރިމަތިވާ ދަސްތޫރީ މައްސަލަތައް ޙައްލުކުރުމުގައި މެދުވެރިއެއްގެ ބައި އަދާކުރުން ހިމެނެ އެވެ. (ބީ.ބީ.ސީ)