ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އަގުބޮޑު އިނާމަކާ އެކު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓް ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އިވެންޓް އޯގަނައިޒާ، ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ، މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރު ވެސް އޮންލައިންކޮށް ވޯޓްދެއްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ، ނަސީބުވެރި ފަރާތަކަށް އަގުބޮޑު ހޮލިޑޭ ޕެކޭޖެއް ހަމަޖެހިފައިވާ ކަމަށެވެ. މިފަހަރުގެ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ޗުއްޓީ ރޭ ޗުއްޓީ ހޭދަކޮށްލުމާއި އަދި އެފަރާތެއް ގަޔާވާ ރާއްޖޭގެ ކޮންމެވެސް ލައިވްބޯޑެއްގައި ހަތްރޭ ދަތުރު ކޮށްލުމުގެ ފުރުސަތެވެ.

ހައިރައިޒުން ބުނީ، މިފަހަރުގެ އެވޯޑަށް ވޯޓް ދެއްވަން ބޭނުންފުޅުވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އާންމުންނަށްވެސް ވޯޓް ލެއްވުމަށްޓަކައި، އެކަމަށް ހާއްސަކުރެވިފައިވާ ވެބްސައިޓް www.travelawards.mv އަށް ޒިޔާރަތް ކޮށްލެއްވުމަށް ފަހު ވެބްސައިޓްގައި ރެޖިސްޓަރީވާން ޖެހޭނޭ ކަމަށާއި އަދި އެނޫން ނަމަ، ފޭސްބުކް ފޭސްބުކް އެކައުންޓު ބޭނުންކޮށްގެން އެ ސައިޓަށް ލޮގިން ކުރެއްވުމުން ވެސް ވޯޓް ލެވޭނޭ ކަމަށެވެ.

އެ ވެބްސައިޓް ފަރުމާކުރި، މިފަހަރުގެ އެވޯޑްސްގެ ޓެކްނޮލޮޖީ ޕާޓްނަރު، ސެމީކޯލޮންއިން ބުނީ، ވެބްސައިޓްގައި ގާއިމް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޕްރޮސަސް ތަންކޮޅެއް ވަރުގަދަ ކުރެވިފައި ވަނީ، ވޯޓުގެ ސައްހަކަން އިތުރު ކުރުމަށްޓަކައި ކަމަށެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 20 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

އެވޯޑަށް ކުރިމަތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައެޅުމަށް 40 އިންސައްތަ ވޯޓް، އިންޓަނެޓުގެ ޒަރީއާ އިން ދެވޭގޮތަށް ހަމަޖެހިފައިވާ އިރު، ބާކީ 60 އިންސައްތަ ވޯޓް ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަން ޖަޖުންގެ ޕެނަލަކުން ނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގެ ވަނަތަކަށް އަންނަ ފަރާތްތައް އިއުލާނު ކުރުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ސަން ހޮޓެލްސްގެ އޮޅުވެލި ބީޗު އެންޑް ސްޕާ ރިޒޯޓްގައި ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ.