ޤަރުނުގެ ލަވަކިޔުންތެރިޔާ، ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ސަން އެފްއެމުން ނެރެމުން އަންނަ "ވާ ހަނދާނަކުން" ސިލްސިލާގެ ދެވަނަ އަލްބަމް މިރޭ ބާޒާރަށް ނެރެފި އެވެ. މި އަލްބަމް ނެރެދެއްވީ މިރޭ އަށެއް ޖެހި އިރު ސަން އެފްއެމް އިން ފޮނުވި ޚާއްސަ ލައިވް ޕްރޮގްރާމެއްގައި ސަން އެފް އެމްގެ ސީއީއޯ ސިނާން ޢަލީ އެވެ.


ވާ ހަނދާނަކުން އަކީ ނައިފަރު ދޮހޮއްކޮގެ ހަނދާންތައް ދިރުވައި އާލާ ކުރުމުގެ ގޮތުން ސަންއެފްއެމުން ނެރޭ ލަވަ ސީޑީ އެކެވެ. މި ސީޑީގައި ހިމެނެނީ ދޮހޮއްކޮބޭގެ އެންމެ މަޝްހޫރު ލަވަތަކުން ހޮވާލާފައިވާ ލަވަތަކެކެވެ. އެ ލަވަތައް ވާ ހަނދާނަކުން އަލްބަމުގައި ހިމަނާފައި ވަނީ އޭގެ ޅެމަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރުގެ ލަވަކިޔުންތެރިންގެ އަޑުންނެވެ.


"ވާ ހަނދާނަކުން ޓީމު"ގެ މީޑިޔާ އޮފިޝަލް ފަރެސް މުހައްމަދު އާމިރު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު "ވާ ހަނދާނަކުން 1" ގެ ލަވަ ތަކަށް ވުރެ މި ފަހަރުގެ ލަވަތައް ރީތި ވެފައި ފުރިހަމަ ވާނެ ކަމަށެވެ.


" އަޅުގަނޑުމެން ނެރުނު 'ވާ ހަނދާނަކުން 1' އެއީ ފެށުމެއް. އެކަމަކު އެ އަލްބަމް ވެސް ވެގެން ގޮސްފައި ވަނީ މެގަ ހިޓަކަށް. 'ވާ ހަނދާނަކުން 2' ހުރިހާ ގޮތަކުން ވެސް އިތުރަށް ފުރިހަމަ ވާނެ. ލަވަ ތަކުގެ ސެލެކްޝަނާއި މިޔުޒިކް އަދި ލަވަތައް ކިޔާފައިވާލެއް ވެސް މީގެ އެއްވަނަ އަދަދަށް ވުރެ ފުރިހަމަ ވާނެ،" އާމިރު ވިދާޅުވި އެވެ.


ވާ ހަނދާނަކުން ދެޔަކަށް ލަވަ ކިޔައިދީފައިވާ ލަވަކިޔުންތެރިންގެ ތެރެއިން މި ވަގުތު މާލޭގައި ތިބި ހުރިހާ ލަވަ ކިޔުންތެރިން މިރޭގެ ޕްރޮގްރާމްގައި ބައިވެރިވި އެވެ. މިރޭ 8:00 ޖެހި އިރު ފެށި ލައިވް ޕްރޮގްރާމް 11:00 ޖަހަންދެން ކުރިޔަށް ގެންގޮސްފައިވެ އެވެ. މި ޕްރޮގްރާމް ތެރޭގައި ލަވަކިޔުންތެރިންނާ ސުވާލު ކޮށް އަލްބަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު އެހުންތެރިންނަށް އޮތީ ހުޅުވައިލައިފަ އެވެ. އެ ގޮތުން ވަރަށް ގިނަ އަދަދެއްގެ އެހުންތެރިން ޕްރޮގްރާމަށް ގުޅައި ލަވަކިޔުންތެރިންނާ ވާހަކަ ދައްކައި މަރުހަބާ ކިޔައިފައިވެ އެވެ.


"ވާ ހަނދާނަކުން 2" ގައި ހިމެނޭ ލަވަ ތަކުގެ ތެރޭގައި، މުޚުތާރުގެ އަޑުން "ނަނާ ހުވަފެން ދުށީމޭ"، ތޭރަވާގެ އަޑުން "ލިލީ އޮފް ދަ ދިވެލީ"، މުސްތޮގެ އަޑުން "ފިނިފެން މަލުގެ އެ ތަންމަތީ"، ރާފިޔަތު ރަމީޒާގެ އަޑުން، "މުނިފޫހި ތިބާ"، އައްމަޑޭގެ އަޑުން "ހިތުގެ ޤަދަރެއް ނުވާ ލޯބި"، ކުޑަ އިއްބެ އަޑުން، "ދިއްލާލި ހަނދުން"، މާއިން ރަޝީދުގެ އަޑުން "ނުދާށޭ ވަކި ވެގެން"، ޝައުފާގެ އަޑުން "ގިރިޓީ ލޯބިން" އަދި ޖަލާލުގެ އަޑުން "ބައިވެރިޔާ ކުރަމޭ ހަނދާން" ހިމެނެ އެވެ. މީގެ އިތުރުން ވާ ހަނދާނަކުންގެ ތީމް ލަވަ ކަމަށްވާ " ވާ ހަނދާނަކުން ރޮވެނީ"ގެ ގުރޫޕު ލަވަ މި ފަހަރުގެ އަލްބަމުގައި ވެސް ހިމަނާފައިވެ އެވެ. މިއީ ދޮހޮއްކޮބޭގެ ހަނދާނުގައި ފަރެސް މުހައްމަދު އާމިރު ހައްދަވައިފައިވާ ލަވަ އެކެވެ. ތީމް ލަވައިގައި ދެ އަލްބަމަށް ލަވަ ކިޔައިފައިވާ ހުރިހާ ލަވަކިޔުންތެރިންގެ އަޑު ވަނީ ހިމަނާފަ އެވެ.


އާމިރު ވިދާޅުވީ އޯޑިއޯ އަލްބަމް ނެރޭތާ ދެ މަހެއްހައި ދުވަހުގެ ތެރޭގައި މި އަލްބަމުގެ ޑީވީޑީ ވެސް ބާޒާރަށް ނެރެން ނިންމާފައިވާ ކަމަށެވެ.