22 Jul 2013, 11:25
ކޮލަންބޯ (ޖުލައި 22): ސްރީލަންކާ އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލި ތަމަޅަ ޓައިގަރުންނަށް ތާއީދުކުރާ އެކި ޖަމާއަތްތައް މާލީ އެހީ ހޯދުމުގައާއި އެނޫން ވެސް ޝައްކު ކުރެވޭކަންކަމުގައި ޔޫރަޕްގައި ހަރަކާތްތެރިވަމުންދާތީ ސްރީލަންކާ ސަރުކާރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަން ހާމަކުރައްވާފައި ވަނީ މިހާރު ސްރީލަންކާ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާޔޫރަޕްގެ އިއްތިހާދުގެ ޕާލަމެންޓަރީ ވަފްދާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ސްރީލަންކާގެ ޚާރިޖީ ވަޒީރު ޖީއެލް ޕީރީޒް އެވެ. ޕިރީޒް ވިދާޅުވީ ޓައިގަރުންނަށް ތާއީދުކުރާ އެކި ޖަމާއަތްތަކަށް ޔޫރަޕްގެ ގައުމުތަކުން ފައިސާލިބޭނެ ޗެނެލްތައް ޤާއިމްކޮށްފައިވާ ކަމަށާއި މިކަން ހުއްޓުވުމުގެ ގޮތުން ޔޫރަޕްގެ އިއްތިހާދަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގަ އެވެ.
ޓައިގަރުންނަށް ހަމްދަރްދީވާ ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ރައްޔިތުން ޤައުމުން ބޭރުގައި ތިބެގެންގައުމުގައި ދާޚިލީ ހަމެޖެހުން ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ސްރީލަންކާގެ ޚާރިޖީ ވަޒީރު ތުހުމަތުކުރެއްވި އެވެ. ޔޫރަޕްގެ އިއްތިޙާދުން ދާދިފަހުން ނެރެފައިވާ "ޓެރަރިސްޓް ސިޗުއޭޝަން އެންޑް ޓްރެންޑް"ގެ ރިޕޯޓްގައި ތަމަޅަ ޓައިގަރުންނަށް ތާއީދުކުރާ ފަރާތްތަކުން ހިމޭންކަމުގައި ޔޫރަޕްގައި އަދިވެސް ޙަރަކާތްތެރިވާކަން ހާމަކޮށްފައިވެ އެވެ.
ޔޫރަޕްގެ އިއްތިޙާދުގެ މިވަފްދު ސްރީލަންކާ އަށް ޒިޔާރަތް ކުރަމުން މިގެންދަނީ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާ ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ކަމަށްބުނެ އެކަން ތަޙްޤީޤް ކުރުމުގައި އެއްބާރުލުން ދިނުމަށް ގޮވާލެވޭ ގޮވާލުންތަކަށް ސްރީލަންކާ ސަރުކާރުން އިޖާބަ ނުދޭ މައްސަލާގައި ދެފަރާތުގެ ގުޅުންތައް ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ.
ނަމަވެސް ހަނގުރާމައަށްފަހު މިވީ ތިން އަހަރުގައި ސްރީލަންކާ ޙާސިލްކޮށްފައިވާ ތަރައްޤީގެ ކަންތައްތަކަށް ޔޫރަޕްގެ ވަފްދުންވަނީ ތަޢްރީފް ކޮށްފަ އެވެ. ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހުނު މީހުންގެ ދިރިއުޅުން އާރާސްތު ކުރުމަށް ސްރީލަންކާ ސަރުކާރުން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައްޔޫރަޕްގެ ވަފްދުން ފާހަގަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)