22 Jul 2013, 10:58
ސަރުކާރުން ހުޅުވާލި "އެޑިއުކޭޝަން ޕްރޮޖެކްޓް ތުރޫ ޕަބްލިކް ޕާޓްނާޝިޕް އިން ދަ މޯލްޑިވްސް" ގެ ދަށުން ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން އަށް ސައިރިކްސް ކޮމްޕިއުޓާ ޓްރޭނިން ސެންޓަރުން ހުށަހެޅި ބިޑު ބާތިލްކޮށްފައި ވަނީ އުސޫލާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ސައިރިކްސް ކޮމްޕިއުޓާ ޓްރޭނިން ސެންޓަރުގެ މަސްއޫލުވެރިޔާ ސ. ހުޅުދޫ ނޫރީގޭ އަހްމަދު ޝަރީފް އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރި އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ސެންޓާ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަނަށް ސައިރިކްސްގެ ފަރާތުން ހުށަހެޅި ބިޑްބާތިލް ކޮށްފައި ވަނީ ބިޑް އިވެލުއޭޓް ކުރުމަށް އިންފޮމޭޝަން މެމޮރެންޑަމް އެންޑް ރިކްއެސްޓް ފޯ ޕްރޮޕޯސަލް ޑޮކިއުމެންޓް (އާރްއެފްޕީ) ގައި ބުނެފައިވާ އިވެލުއޭޝަން ކްރައިޓީރިއާ އާއި ޚިލާފަށް ކަމަށެވެ.