22 Jul 2013, 10:46
ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމާއި ރައްކާކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ބޭނުންވާ ބޭސް ފަސޭހައިން ލިބޭނެ ގޮތެއް ހަދައިދޭނެ ކަމުގެ ޔަގީން ކަން ހެލްތު މިނިސްޓްރީ އިން ދީފި އެވެ.
ރޭ ތެލަސީމިއާ ޕޭޝަންޓުންނާއި ބައެއް ބެލެނިވެރިން ކުރި މުޒާހަރާއާ ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސްގެ އޮފީހަށް ވަޑައިގެން މުޒާހަރާ ކުރި ފަރާތްތަކާ ބައްދަލުކުރުމަށް ފަހު، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު އަލީ ޝަރީފު ވިދާޅުވީ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ފަރާތުން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ކަންކަމުގައި މައްސަލަތަކެއް ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ތެލަސީމިއާ ޕޭޝަންޓުންނާއި ބެލެނިވެރިން ރޭ މުޒާހަރާ ކޮށްފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްގައި ރައްކާކޮށްފައި ހުރި 30 ޕެކެޓް ލޭ ކުނިވުމުގެ ސަބަބުން ނެވެ. ލޭ ކުނިވެފައި ވަނީ ފުރީޒަރުން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނެ އެވެ.
ސްޓޭޓް މިނިސްޓަރު އަލީ ޝަރީފު ރޭ ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން މަހަށް ބޭނުންވާނެ ވަރަށް ބޭހާއި ސާމާނު ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިނިންމީ މިތަން [މޯލްޑިވްސް ބްލަޑް ސާވިސަސް] ސީދާ ސިޔާސީ ވެރިއެއްގެ ބެލުމުގެ ދަށުން ހިންގަން. އަޅުގަނޑު މިހާރު މިހުރީ އެކަމާ ހަވާލުވެގެން. ތެލަސީމިއާ ކުދިންނަށް ތިން މަސް ދުވަހަށް ބޭނުންވާ ބޭހާއި ސާމާނު ގެނައުމަށް މިހާރު ވާނީ މަސައްކަތް ފަށާފައި،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭހުގެ ކަންކަމުގައި ދަތިތައް ދިމާވެފައި ވަނީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ މައްސަލާގައި ޝަރީފު ވިދާޅުވީ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ފުރީޒަރުތަކަށް ބެކަޕް ޕަވާ ސިސްޓަމެއް ބޭނުންވާ ކަމަށާއި އެކަން ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ރޭ ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން ކަންތައްތައް ހައްލުކުރެވޭ ގޮތް ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކާ ބައްދަލުކޮށް، ހެލްތު މިނިސްޓްރީގެ އޮފިޝަލެއް އެތަނަށް ގެނައުމަށް ކުރެއްވި މަސައްކަތްތަކަށް ފަހުގަ އެވެ.
ރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ތެލަސީމިއާ ޕޭޝަންޓެއް ބުނީ ލޭ އަޅާ ކުދިންނަށް ބޭނުންވާ ފަރުވާގެ މައްސަލާގައި ކުރިއަށް ދިޔަ މުޒާހަރާގެ ކަންކަމުގައި ސަރުކާރުން ލިބުނު އެއްބާރުލުން ފާހަގަކުރާ ކަމަށާއި ހެލްތު މިނިސްޓްރީގެ ވެރިއެއް ވަޑައިގެން އެމައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިނުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަމުން މަޖިލިސް މެމްބަރު އަލީ ވަހީދު ވިދާޅުވީ ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެމައްސަލަތަކަށް ހައްލެއް ނުހޯދިވާ ސަބަބު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.