22 Jul 2013, 10:38
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފަހަތްޕުޅުގައި ވަރުގަދަ ޓީމެއް ފެނިގެން ދާނެ ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ގާސިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ރޭ ދެއްވި އިންޓަވިއުއެއްގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދު ވިދާޅުވީ ގާސިމްގެ ފަހަތްޕުޅުގައި ކުރިން ޓީމެއް ނެތް ނަމަވެސް ގައުމީ ޕާޓީ އާއި އަދާލަތު ޕާޓީން ގާސިމަށް ތާއިދު ކުރި ހިސާބުން ފެށިގެން ގާސިމްގެ ފަހަތްޕުޅުގައި ވަރަށް ވަރުގަދަ ޓީމެއް އުފެދިގެން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެން ދާނެ ކަމަށެވެ.
"އަޅުގަނޑު ކުރިން ދެންނެވިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތުގައި ޓީމެއް ނެތް ކަމަށް. އެއީ އޭރުގެ ހަގީގަތް. އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ އަދާލަތު ޕާޓީ ޖުމްހޫރީ ޕާޓީ އާ ގުޅުނު ހިސާބުން ފެށިގެން ޓީމެއް އުފެދިގެން ހިނގައްޖެ. މިސާލަކަށް ބައްލަވާ މިހާރު އެތައް ޕީއެޗްޑީ ނަންގަވައިގެން ބޭފުޅުން ތިއްބެވި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ތަޢުލީމީ ގާބިލު މީހުން ފެނިގެން ދާނެ. އެހެން ވީމާ އަޅުގަނޑު ދަންނަވާނީ ރިޔާސީ އިންތިހާބުގެ ކުރިން ގާސިމުގެ ފަހަތުން އަޅުގަނޑުމެންގެ ޖުމްހޫރީ ގުޅުމުގެ ފަހަތުން ވަރަށް ވަރުގަދަ ޓީމެއް ފެނިގެން ދާނެޔޭ. އެވަރުގެ ޓީމެއް އުފެއްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ޑރ. ހަސްން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިޝާރާތް ކުރައްވައި ޑރ. ހަސަން ވިދާޅުވީ މިހާރު ރައީސް ޑރ. ވަހީދުގެ ފަހަތްޕުޅުގައި ޓީމެއް ނެތް ކަމަށާއި އަދި ޓީމެއް އުފެއްދިދާނެ ކަމުގެ އެއްވެސް އުންމީދެއް ވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ނުވަތަ ޖުމްހޫރީ ގުޅުމާ ގުޅިވަޑައިގަތީ ގާސިމްގެ ފަހަތްޕުޅުގައި ރަނގަޅު ވަރުގަދަ ޓީމެއް އުފެއްދިދާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
ޖުމްހޫރީ ގުޅުން އަދި ވެސް އިތުރަށް ވަރުގަދަވެގެން ދާނެ ކަމުގެ އިޝާރާތެއް ހަސަން ކުރެއްވި އެވެ. އެގޮތުން ރައީސް މައުމޫންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މަހުމާދޫ ޝައުގީ އާއި އަދި ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ އަހަރުތަކެއް ވަންދެން އެޓާނީ ޖެނަރަލްކަން ކުރެއްވި ޑރ. މުހައްމަދު މުނައްވަރާއި އަދި ކުރީގެ ޓްރޭޑް މިނިސްޓަރު އަދި އެސްޓީއޯ އާއި ސަރުކާރުގެ ކުރީގެ މަސް ކުންފުނި، އެފްޕީއައިޑީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިލްޔާސް އިބްރާހީމް ޖުމްހޫރީ ގުޅުމާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ޑރ. ހަސަން ކުރެއްވި އެވެ.
"މިސާލަކަށް ބައްލަވާ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނާ ޑރ. ޝައުގީއާއި ޑރ. މުނައްވަރާއި އަދި އިލްޔާސް އިބްރާހީމް މެން ފަދަ ބޭފުޅުން ގުޅިވަދައިގެންފި ނަމަ އަޅުގަނޑުމެންގެ ޓީމް ވަރަށް ވަރުގަދަ ވެގެން ދާނެ،" ޑރ. ހަސަން ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ގައުމައިގެން ކުރިއަށް ކޯލިޝަނުން ނިކުމެވަޑައިގަތް ގަތުމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ރައީސް ވަހީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކެމްޕޭން ކުރައްވަން ޖެހޭ ގޮތަށް ކެމްޕޭން ނުކުރައްވާ ކަމަށެވެ. އެގޮތުން ކެމްޕޭނެ ފެއްޓެވި ފަހުން ރައީސް ވަހީދަށް ވަޑައިގެންނެވުނީ 14 ރަށަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދުގެ ކެމްޕޭން ކުރިއަށް ގެންދަވަނީ އާއިލީ ބޭފުޅުން ބޭނުންފުޅުވާ ގޮތަށް ކަމަށާއި ރައީސް ވަހީދުގެ ނިންމެވުންތަކަށް ވަރަށް ބޮޑަށް އާއިލީ ނުފޫޒު ފޯރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހައްލު ކުރެއްވުމަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުމުން ކޯލިޝަނުން ވަކިވީ ކަމަށެވެ. މީގެ އިތުރުން ޑރ. ހަސަން ވިދާޅުވީ އާއިލީ ނުފޫޒު ކެމްޕޭންގެ ތެރެއަށާއި އަދި ނިންމުންތަކަށް ވަދެފައިވާ ކަމަށް ރައީސް ވަހީދަށް ދެންނެވުމުން ބައެއް ފަހަރު އެކަމާ ކޯފާ އިސްކުރައްވާފައި ވެސްވާ ކަމަށެވެ.
ޑރ. ހަސަން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ހާލަތެއް މެދުވެރިވެގެން ޖުމްހޫރީ ޕާޓީ ފުރަތަމަ ބުރުން އިންތިހާބުން ވަކިވާން ޖެހުނު ނަމަވެސް އެމްޑީޕީއާ ކޯލިޝަން ނަހަދާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ހާލަތެއް މެދުވެރިވެގެން އިންތިހާބުގެ ފުރަތަމަ ބުރުން އިންތިހާބާ ވަކިވާން ޖެހުނަސް އަޅުގަނޑުމެން އެމްޑީޕީއަކަށް ތާއިދެއް ނުކުރާނަން. ދެން ކޮންމެ ބަޔަކާ އެއްކޮށް ވެސް ކުރިއަށް ހިގައިދާނަން. އެމްޑީޕީ އަށް ތާއިދު ނުކުރާނެ ކަން އެއީ 100 ޕަސެންޓް ޔަގީން ކަމެއް." ޑރ. ހަސަން ވިދާޅުވި އެވެ.