މަސްތުވާތަކެތި ގެންގުޅުނު މީހަކު 15 އަހަރަށް ޖަލަށް ލުމާ އެކު 25،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ފޮނިފޮނިމާގޭ އަބްދުﷲ ވަހީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ 3:40 އެހައިކަންހާއިރު ރަތްވިލާމަގު ރޯޔަލްޓެކްސީ ކައިރީގައި އަބްދުﷲ ވަހީދު މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވިގެން ފުލުހުން އޭނާ އަށް ގޮވުމުން އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓެއް ބިންމައްޗަށް ވައްޓާލާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އަބްދުﷲ ވަހީދު އެ ދައުވާ އަށް އިންކާރުކުރި ނަމަވެސް އޭނާ އެއްލާލި ރަބަރު ޕެކެޓުގައި 0.0415 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.

"ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 1035 ވަނަ މާއްދާގެ (ހ) އާއި 105 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ ޑައިމޯފިނުން މުއާމަލާތްކުރުމުގެ ކުށުން އަބްދުﷲ ވަހީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ހ. ފޮނިފޮނިމާގެ އަބްދުﷲ ވަހީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 25،000ރ. އިން ޖޫރިމަނާކޮށް މި ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަބްދުﷲ ވަހީދު އަށް އަންގައި މިގޮތުގެމަތިން ހުކުމްކޮށް މި ގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވެއެވެ.