22 Jul 2013, 01:30
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ ވަރަށް ގިނަ ރައްޔިތުން ބޭނުންވެގެން ކަމަށާއި އެ ވެރިކަން ހިންގުމުގެ މުގުލުގައި ތިބި މީހުން "ކުލަ ބަދަލުކޮށްގެން، ރީ ބްރޭންޑް ވެގެން އަޔަސް" ދެން ވެސް ރައްޔިތުން ވޯޓެއް ނުދެއްވާނެ ކަމަށް އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަނުން މާފަންނު ސަހަރާކައިރީގައި ހުންނަ މ. ލޫވާގައި މިރޭ ހުޅުވި ޖަގަހާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިން މޭޓް އަދި ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނުކުންނަވާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ފަހަތްޕުޅުގައި ތިއްބެވި މީހުންނާ މެދު ވޯޓު ދިނުމުގެ ކުރިން ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
"ދެހާސް އަށް ވަނަ އަހަރު ވަރަށް ގިނަ ރައްޔިތުން ބޭނުންވެގެން އޭރު އޮތް 30 އަހަރު ވެރިކަން ދުރުކޮށްލައި އެހެން ބަޔަކަށް ވޯޓުދިނީ. ރައީސް މުހައްމަދު ނަޝީދަށް ވޯޓު ދިނީ ވަރަށް ގިނަ ބަޔަކު އޭރު އޮތް ވެރިކަން ބަދަލުކޮށްލަން ވެގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު އެކަމުގެ މުގުލުގައި ތިއްބެވި ބޭފުޅުން، އެކަމުގެ އެންމެ އަޑީގައި ތިބި ބޭފުޅުން އެހެން ކުލައަކުން ރީބްރޭންޑް ވެލައިގެން އަޔަކަސް އަޅުގަނޑު ހިތުން ދިވެހި ރައްޔިތުން 30 އަހަރު ވެރިކަމަށް އެނބުރި ދާކަށް ބޭނުމެއް ނުވާނެ،" މައުމޫންގެ ރަނިން މޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ނުކުންނެވި ތަސްމީން އަލީ ވިދާޅުވި އެވެ.
ރައީސް މައުމޫނު ސަރުކާރުގެ ހޯމް މިނިސްޓަރު ކަމާއި އެޓޮލްސް މިނިސްޓަރުކަން ވެސް ކުރެއްވި ތަސްމީން ޕީޕީއެމްގެ އިސް ބޭފުޅުންނަށް ނިސްބަތްކުރައްވައި ވިދާޅުވީ ރައީސް މައުމޫނު ވެރިކަން ކުރެއްވި 30 އަހަރަކީ ވަރަށް ގިނަ ބާރުތަކެއް ގާނޫނީ ގޮތުން ލިބިވަޑައިގެން ވެރިކަން ކުރެއްވި 30 އަހަރު ކަމަށާއި ނަމަވެސް އެ ވެރިކަމުގެ މުގުލުގައި ތިއްބެވި ބޭފުޅުން މިއަދު އޭރު ނުކޮށްދެވުނު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއަސް، ރައްޔިތުން އެ ވާހަކަތައް ބަލައެއް ނުގަންނާނެ ކަމަށާއި އަދި އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން ރައްޔިތުން ނުހެއްލޭނެ ކަމަށެވެ.
"އެ ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އައްޕުޅު މައްޗަށް ޖަމާވެފައި އޮތް އިރު، އަދި އެ ބާރުތައް އެންމެ އިތުބާރުކުރެވޭ މީހުންނަށް ދޫކޮށްލައިގެން އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރި އިރު ހާސިލުވެފައިނުވާ ކަންތައްތަކެއްގެ ވާހަކަ [މައުމޫނު ވެރިކަމުގެ] މުގުލުގައި ތިއްބެވި ބޭފުޅުން އަރާ ވަޑައިގެން އަނެއްކާ ތިމަންނަމެން އިންތިހާބު ވެއްޖެއްޔާ އިގްތިސާދަށް މިހެން ވާނެއޭ އެހެންވާނެއޭ ވިދާޅުވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނެއް އެކަންކަން ބަލައެއް ނުގަންނާނެ. އޭރު އެ ހުރިހާ ބާރުތައް ލިބުނު އިރު ނުކުރެވުނު ކަމެއް މިހާރު މި އޮތް އުނދަގޫ، ބާރުތައް ބެހިފައި އޮތް ނިޒާމްގެ ތެރޭގައި ކުރެވުމުގެ ގާބިލުކަން އެ ބޭފުޅުންގެ ހުންނާނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ،" ރައީސް މައުމޫނާ ވަރަށް ގާތްގުޅުމެއް ވަރަށް ގިނަ ދުވަސްތަކެެއްވަންދެން އަދި ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އުޅުއްވީ 30 އަހަރުގެ ވެރިކަމުގެ ބާރުތައް ހޯދައްވައިގެން ވެރިކަން ކުރައްވަން ކަމަށާއި އެހެންކަމުން ރައީސް މައުމޫނު ވެރިކަމުގެ 30 އަހަރާއި ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމަށް ނޫނެކޭ ބުނުމަށް ވޯޓުދޭން ޖެހެނީ ރައީސް ޑރ. ވަހީދަށް ކަމަށެވެ.
މިރޭގެ ޖަލްސާގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ ވެސް ވަނީ ޕީޕިއެމް އަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ރޮޒައިނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވާ ޑރ. މުސްތަފާ ލުތުފީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުވެއްޖެ ނަމަ ނައިބު ރައީސަކަށް ހުންނަވައި ވެރިކަމާ ހަވާލުވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ވާހަކައަށް އިލެކްޝަންސް ކޮމިޝަނުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް އިން މަގުތައް މަތީ ދަމާފައިވާ ދިދަތަކުގައި ކުލަ ގޮސްފައި ވާތީ އެކަމަށް ރޮޒައިނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. ރޮޒައިނާ ވިދާޅުވެފައި ވަނީ އިގްތިސާދު އިނގޭ ކަމަށް ބުނާ ބޭފުޅުން ކުރާ ކަންތައް ހުންނަ ގޮތަކީ އެއީ ކަމަށެވެ. އަދި ވިދާޅުވީ ގައުމައިގެން ކުރިއަށް ކޯލިޝަނުން ދަމާ ދިދަތައް ދަމާނީ އިންތިހާބަށްފަހު ވެސް ހުންނާނެ ގޮތަށް ކަމަށެވެ.
މި ރޭގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.