ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭގެ ގޮތުގައި މޯލްޑިވްސް ބްލަޑް ސާވިސަސް އިން ރައްކާކުރާ ލޭ ޕެކެޓްތަކެއް ހަލާކުވުމުން ތެލަސީމިއާ ޕޭޝަންޓުންނާއި ތެލަސީމިއާ ކުދިންގެ ބެލެނިވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.

މިރޭ މޯލްޑިވްސް ބްލަޑް ސާވިސަސްގެ އޮފީސް ކައިރިއަށް އެއްވެ ގިނަ އަދަދެއްގެ މީހުން މުޒާހަރާކުރަމުން ދަނީ ލޭ އަޅަން ބޭނުންވާ ލޭ މޯލްޑިވްސް ބްލަޑް ސާވިސަސް އިން ނުލިބޭ މައްސަލާގަ އެވެ.

ސަން އަށް މައުލޫމާތު ދިން ތެލަސީމިއާ ޕޭޝަންޓެއް ކަމަށްވާ ނޫރު މިރޭ ބުނީ ލޭ ނުލިބޭ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށާއި އެމައްސަލާގައި ބްލަޑް ސާވިސަސް އިން ޖަވާބެއް ނުލިބެނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ.

"މިހާރު ވާގޮތަކީ ލޭ ނުލިބެނީ. ލޭ ހުރިއްޔާ ބޭހެއް ނުހުރޭ. ބޭސް ހުރިއްޔާ ލެއެއް ނުހުރޭ. ދެން ސިރިންޖެއް ނުހުންނާނެ. މަލަމެއް ނުހުންނާނެ. މިކަހަލަށް ގޮތަކަށް ދަނީ. މިދޭތެރެއިން ދެ ދުވަހަކު ލޭ އަޅަން އައިމަ ބުނަނީ ލޭ ޕެކެޓްތައް ސަކަރާތްވެފައިވާތީވެ ލޭ އަޅައި ދެވެން ނެތް ކަމަށް،" ނޫރު ބުންޏެވެ.

ނޫރު ބުނީ މިމައްސަލާގައި ބްލަޑް ސާވިސަސްއާ ގުޅުމުން މިމައްސަލާގައި ޖަވާބު ދޭނީ ހެލްތު މިނިސްޓްރީ އިން ކަމަށް ބުނެފައިވާ ކަމަށެވެ.

"ބްލަޑް ސާވިސަސް އިން ބުނީ ހެލްތު މިނިސްޓްރީ އިން ޖަވާބެއް ދޭނެޔޯ މާދަމާ. އެކަމު އެހެން ކިޔާތަން އެތައް ދުވަހެއް. ދުވަހަކު ޖަވާބެއް ނުދެވުނު. މިތަން ދޫކޮށް ދާނީ ޖަވާބެއް ލިބުމުން،" ނޫރު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މުޒާހަރާކުރަން ބެލެނިވެރިން ނިންމީ ތެލަސީމިއާ ކުދިންނަށް މޯލްޑިވްސް ބްލަޑް ސާވިސަސް އިން ރައްކާކޮށްފައި ހުރި 30 ޕެކެޓް ލޭ ހަލާކުވުމުން، ލޭ ހޯދައިގެން އަޅަން އައުމަށް ބްލަޑް ސާވިސަސް އިން އެންގުމުން ނެވެ.

މިކަން މޯލްޑިވްސް ބްލަޑް ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓާ ފައިސަލް އިބްރާހިމް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ފައިސަލް ވިދާޅުވީ ބްލަޑް ސާވިސަސްގެ ފުރިޖުގައި ހުރި 30 ޕެކެޓް ލޭ ހަލާކުވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ލޭ ޕެކެޓްތައް ހަލާކުވެފައިވާ ކަން އެނގުމުން އެކަން ބެލެނިވެރިންނަށް އަންގާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ފުރިޖުގައި ހުރި 30 ޕެކެޓް ލޭ ވަނީ ހަލާކުވެފައި. ފުރިޖަށް ޖެހުނު މައްސަލައެއްގައި ހަލާކުވީ. އެހެން ކަމުން މިއަދު ބެލެނިވެރިންނަށް އެކަން އެންގިން،" ފައިސަލް ވިދާޅުވި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބޭރުގައި ތެލަސީމިއާ ޕޭޝަންޓުންނާއި ބައެއް ލޭ އަޅާ ކުދިންގެ ބެލެނިވެރިން މުޒާހަރާކުރަމުން ދާއިރު ފުލުހުން ދަނީ އެސަރަހައްދުގައި ފޯރި މަރަމުން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް މައުލޫމާތު ދެމުން ވިދާޅުވީ "އެތާނގައި މައްސަލައެއް ނޫޅޭ" ކަމަށާއި ފުލުހުން ހަރަކާތްތެރި ވަނީ ސުލްހަ ބެލެހެއްޓުމުގެ ދައުރެއްގައި ކަމަށެވެ.