ނިއުދިއްލީ (ޖުލައި 21) : އިންޑިޔާގެ ބިހާރު ސްޓޭޓްގެ ސްކޫލަކުން ދިން ކާނާ ކެއުމުގެ ސަބަބުން މީގެ ހަތަރު ވަރަކަށް ދުވަސްކުރިން މަރުވި23 ކުދިން ބޭނުންކުރި ކާނާގައި ވިހަ މާއްދާއެއްގެ އަސަރު ހުރިކަން ކަށަވަރުވެއްޖެ އެވެ.
ބިހާރުގެ ސްކޫލް ކުދިންނަށް ދިން ކާނާގެ ފޮރެންސިކް ޓެސްޓެއް ހެދުމަށް ފަހު އިންޑިއާގެ ފުލުހުން ބުނީ އެ ސްކޫލުން ކުދިންނަށްދިން ކާނާގައިފުރާނައަށް ގެއްލުންވާ މިންވަރަށް ވިހަ މާއްދާއެއްގެ އަސަރު ހުރިކަން ލެބޯޓްރީ ޓެސްޓްތަކުން ހާމަވެފައިވާ ކަމުގަ އެވެ. ބިހާރުގެ ސްކޫލް ކުދިންނަށް ދީފައިވާ ކާނާއަކީ އިންޑިއާގެ ބައެއް ސްކޫލްތަކުގައި ފަގީރުކުދިންނަށް ޚާއްސަކޮށްގެންގެންހިންގާ މެންދުރުގެ ކެއުން ހިލޭ ފޯރުކޮށްދޭ ޕްރޮގްރާމެއްގެ ދަށުން އެކުދިންނަށް ދިން ކާނާ އެވެ.

މިހާދިސާގައި 23 ކުދިން މަރުވި އިރު އިތުރުކުދިންނަށް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފަ އެވެ. މިޙާދިސާގައި މަރުވި 23 ކުދިންގެ ޢުމުރު އުޅެނީ ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގަ އެވެ. ބިހާރުގައި 23 ކުދިން މަރުވި މިޙާދިސާއަށް ފަހު މިޕްރޮގްރާމްގެ ދަށުން ހިލޭ ކާބޯތަކެތި ދަރިވަރުންނަށް ކާބޯތަކެތި ތައްޔާރު ކުރާގޮތާއި އެޕްރޮގްރާމް ކުރިޔަށްދާގޮތާއި ކާނާގެ ބާވަތާއި ފެންވަރު ބެލުމަށް އިންޑިއާގެ މައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)