21 Jul 2013, 23:03
އައްޑޫގެ ބޭރުން އަލިކަމެއް ނެތި އުޅަނދެއް އޮޔާދަމުންދާތީވެ، އެސަރަހައްދުގައި ކަނޑު ދަތުރު ފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓް ގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި މިރޭ ޝާއިއުކޮށްފައިވާ އެންގުމެއްގައި ބުނެފައި ވަނީ އައްޑު އަތޮޅުގެ ހުޅަނގު އުތުރުން 13 ނޯޓިކަލް މޭލު ބޭރުން ދެފެން ދޭތެރެއަށް އަޑިއަށް ގޮސްފައިވާ ފައިބަރު އުޅަނދެއް އޮޔާ ދަނިކޮށް މިއަދު މެންދުރު ފަހު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރަށް ފެނިފައިވާ ކަމަށެވެ.
އެ މައުލޫމާތު ސަދަން އޭރިޔާގެ ކޯސްޓް ގާޑަށް ލިބުމުން ބެލި ބެލުމުގައި އެއުޅަނދުގައި އެއްވެސް މީހަކު ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ އުޅަނދުގައި އަލިކަމެއް ނެތި އޮޔާދާތީވެ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
"އަށްޑިހަ ފަސް ފޫޓުގެ އެއުޅަނދު (އަލިކަމެއް ނެތި) އައްޑު އަތޮޅުގެ އިރު އުތުރަށް އޮޔާ ދާތީވެ، މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އެދިލައްވާ" އެމްއެންޑީއެފްގެ އެންގުމުގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އޮޔާދާ މިއުޅަނދާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވާ އެމައުލޫމާތެއް ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.