ފުރަތަމަ ފަހަރަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް ލިބިވަޑައިގެންފައިވާ ކަމަށް އެގައުމުގެ އާއްމު އިންތިހާބުގެ ނަތީޖާ އިން ދައްކައިފި އެވެ.

އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަށް ބަލާ އިރު އަބޭ އަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބިގެންދާނެ ކަމަށް ޖަޕާނުގެ ރަސްމީ ބްރޯޑްކާސްޓާ އެންއެޗްކޭ އިން ބުނެ އެވެ.

އެންއެޗްކޭ އިން ބުނީ އަބޭގެ ލިބަރަލް ޑެމޮކްރެޓިކް ޕާޓީ އަދި ކޯލިޝަން ހަދާފައިވާ ނިއު ކޮމެއިޓޯ އަށް ގާނޫނު ހަދާ މަޖިލީހުގައި އިންތިހާބުތައް މިއަދު ބޭއްވި 121 ގޮޑީގެ ތެރެއިން 71 ގޮޑި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މިނަތީޖާތައް ކަށަވަރު ވެއްޖެ ނަމަ ހަ އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރު އަބޭ އަށް ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދެގޭގެ ފުރިހަމަ އަގުލަބިއްޔަތު ކަށަވަރުވެގެންދާނެ އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބޭ ވިދާޅުވީ މިނަތީޖާތަކަކީ އަބޭގެ ވެރިކަމުގެ ދަށުން ޖަޕާނުގެ އިގުތިސާދަށް އައިސްފައިވާ ބަދަލުތަކުގެ ރަނގަޅުކަން ދޭހަކޮށްދޭ ނަތީޖާތަކެއް ކަމަށެވެ.
ނަތީޖާތައް ޔަގީންވެގެން ދާނީ މާދަމާ ޖަޕާނުގެ އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާތައް އިއުލާންކުރުމުން ނެވެ.

އެންއެޗްކޭގެ އެގްޒިޓް ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން ނަމަ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ 242 ގޮޑީގެ ތެރެއިން 130 ގޮޑީގެ އަގުލަބިއްޔަތެއް ޝިންޒޯ އަށް ލިބިވަޑައިގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިނަތީޖާތައް ކަށަވަރު ވެގެން ގޮސްފި ނަމަ ޖަޕާނުގެ ސިޔާސީ މަޝްރަހުގައި އުފެދިފައިވާ ހަލަބޮލިކަން ހަމައަކަށް އެޅި ގައުމުގެ ތަރައްގީގެ ކަން ކަމަށް އިސްކަން ދިނުމުގެ ފުރުސަތު ޝިންޒޯ އަބޭއަށް ލިބިވަޑައިގަންނަވާނެ އެވެ.

މިފަހަކަށް އައިސް ޖަޕާނުގެ އާއްމު އިންތިހާބުތަކުން އެއްވެސް ފަރާތަކަށް ފުރިހަމަ އަގުލަބިއްޔަތެއް ނުލިބުމުގެ ސަބަބުން ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމު ވަނީ ގިނަ ގިނައިން ބަދަލުވާ މަގާމަކަށް ވެގެން ގޮސްފަ އެވެ.