21 Jul 2013, 20:14
އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުގައި މިއަދު ހަވީރު އެމްއީކިޔު އަތުން ހަ ވިކެޓުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ، މާލޭ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
ކުޅިވަރު އެކުވަނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެމްއީކިޔުއިން ފުރަތަމަ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 48 ލަނޑެވެ. ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރައި ފަސް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 50 ލަނޑުހެދި އެވެ.
އެ މެޗުގައި އެންމެ ރަގަޅަށް އުކީ ފަސް ލަނޑަށް ދެ ވިކެޓް ނެގި މުހަންމަދު ސާފީ އެވެ. އަދި އެންމެ ރަގަޅަށް ކުޅުނީވެސް 17 ލަނޑުހެދި ސާފީ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު، ނެލިވަރު ކްރިކެޓާސްއާއި ބައްދަލުކޮށް ހަ ވިކެޓުން ކާމިޔާބުކުރީ މިލާން ކްރިކެޓް އެކަޑަމީ އެވެ.
ނެލިވަރު ކްރިކެޓާސް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 90 ލަނޑުހެދި އެވެ. ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 94 ލަނޑުހެދި އެވެ.
އެ މެޗްގައި އެންމެ ރަގަޅަށް އުކީ 21 ލަނޑަށް ދެ ވިކެޓްނެގި އާދަމް ނާސިފް އެވެ. އަދި އެންމެ ރަގަޅަށް ކުޅުނީވެސް 36 ލަނޑުހެދި އާދަމް ނާސިފް އެވެ.
މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭސް މެލޯއާއި މާލޭ ސްޕޯޓްސް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ހޮބީސްޓައާއި އެންކާ ލިލީ އެވެ.