21 Jul 2013, 16:50
ތެދުވެރި މުއުމިނުންނަށްޓަކައި ރޯދަޔަކީ ހަނދާންކޮށްދިނުމެކެވެ. ކޮންކަމެއް ހަނދާންކޮށްދިނުމެއްތޯއެވެ؟ ތިމާ ދިރިއުޅެމުން މިގެންދާ ދުނިޔެއަކީ މާތްﷲ ގެ ދުނިޔެއެއް ކަމެވެ. މިދުނިޔެ ހެއްދެވީ އަރަހުށި މާތްﷲ ކަމެވެ. މިދުނިޔޭގެ ވެރިޔަކީ ތިމާ ނޫންކަމެވެ. އަދި ކީއްހެއްޔެވެ؟ މިދުނިޔޭގެ ވެރިޔަކީ ވެސް އަރަހުށި މާތްﷲ ކަމެވެ. ތިމާގެ ހިތް އެދޭހައި ގޮތަކަށް މިދުނިޔޭގައި ދިރިއުޅެގެން ނުވާނެ ކަމެވެ. މިދުނިޔޭގައި ތިމާ ބޭނުންހައި ގޮތަކަށް ކައިބޮއި ހަދައިގެން ނުވާނެ ކަމެވެ. ތިމާ ހިތުހުރި ގޮތަކަށް ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމެވެ. މިދުނިޔޭގައި އުޅެންވާނީ އަރަހުށި މާތްﷲ ރުހިވޮޑިގެންވާ ގޮތަށް ކަމެވެ.
މިކަންކަން ހަނދާންވުމަކީ އެއްވެސް ޙާލެއްގައި މާ އާދައިގެ ކަމެއް ނޫނެވެ. މިފަދަ ހާލަތެއްގައި ހުރެ ރޯދަހިފަމުން ގެންދިޔުމުގެ އެކަށޭނަކަން ލިބެނީ މަޢުރިފާގެ ފެންވަރުގައި މާތްﷲ ގެ ރަސްކަންފުޅު ދެނެގަތުމުގެ ނަސީބު ލިބުމުންނެވެ. އެއްވެސް އިމެއް ނެތް، އެއްވެސް ގައިދެއް ނެތް ދިރިއުޅުމެއް އުޅޭ މީހަކަށް މާތްﷲ ގެ މިދުނިޔޭގައި އެއްވެސް ޖާގައެއް ނެތްކަން ވިސްނައިގަނެވުމުންނެވެ. މާތްﷲ ގެ މިދުނިޔޭގައި ކާމިޔާބު ޙަޔާތެއް ހޭދަކުރެވުމުގެ ސިއްރަކީ ތިމާ ހިތުހުރި ގޮތަކަށް އާވާރާ ދިރިއުޅުމެއް އުޅުމެއް ނޫންކަމާއި، އިމެއްގެ ތެރޭގައި ދިރިއުޅުން ކަމުގެ ޙާޤީޤަތް ހޯދައިގަނެވުމުންނެވެ.
ރަމަޟާން މަހަކީ ނަފުސު އިސްލާހުކުރުމުގެ މަހެކެވެ. ރަމަޟާން މަސް ބާރުއަޅަނީ މުއުމިނުން އެބައިމީހުންގެ ޙަޔާތުގެ ދަތުރުގައި ކުރިޔަށްދާއިރު އިރުކޮޅަކު މަޑުކޮށްލައި ފަސްއެނބުރި ބަލައިލުމަށެވެ. ތިމާގެ ދިރިއުޅުމާ މެދު އަލުން ވިސްނައިލުމަށެވެ. ތިމާ ކުރަމުންދާ މުޢާމަލާތްތައް ތިލަފަތުގެ ދެކޮޅަށްލައި ކިރައި ވަޒަންކޮށްލުމަށެވެ. ތިމާގެ ދީނީ ޙަޔާތާއި ހެޔޮކަމަށް ގޮވައިލުމުގެ މަސްއޫލިއްޔަތު އަލުން ރާވައިލުމަށެވެ. ތިމާގެ ހިތާއި ސިކުނޑި އަލުން ޠާހިރުކޮށްލުމަށެވެ. ތިމާގެ ކިބައިގައި މުޅިން ތަފާތު ހެޔޮކަމުގެ ޝަޚްސިއްޔަތެއް ބިނާކުރުމަށެވެ. ދީނީ ގޮތުންނާއި ރޫޙާނީ ގޮތުން ތިމާގެ ނަފުސު އާބާތުރަ ފިލުވައިލުމަށެވެ. މިޒަމާނުގެ ތަޢުބީރަކުން ދަންނަވާ ނަމަ ރޫޙާނީ ގޮތުން ތިމާ އެކީއެކަށް އޯވަހޯލް ކޮށްލުމަށެވެ.
ރަމަޟާންމަހުގެ އަސްލު މަޤްޞަދަކީ މުއުމިނުންގެ ނަފުސުތައް އިސްލާޙުކުރުމެވެ. ރޫޙާނީ ގޮތުން ފުރިހަމަ ކުރުމެވެ. ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ނަފްސު އިސްލާޙުކުރުމުގެ މަސައްކަތުގައި ހޭދަކޮށްލާ މީހާއަކީ ރަމަޟާން މަސް ލިބިގަތުން ޙައްޤު ގޮތުގައި އެމަސްލިބިގެންފި މީހެކެވެ. އެފަދަމީހުންގެ ރޯދަޔަކީ ޙަޤީޤީ ރޯދައެވެ. މުއުމިނުންގެ ކޮންމެ ދުވަހެއްގެ މަސައްކަތު ތާވަލުގައި އެންމެ އިސްކަންދޭން ޖެހޭ ކަމަކީ ނަފުސު އިޞްލާޙުކުރުމެވެ. ނަމަވެސް ރަމަޟާން މަހުގެ ރޯދަޔާ ވިދިގެން އެކަން ކުރުމަކީ އެތައް ގުނައެއް ފަސޭހަވެގެންދާ ކަމެކެވެ.