21 Jul 2013, 16:47
ހައި ކޮލިޓީ ސައުންޑް ޑިވައިސް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ، ބޯސްގެ ފުރަތަމަ ބްލޫޓުތު ވަޔަލެސް ހެޑްސެޓް ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފް ކޮށްފި އެވެ.
ބޯސްއިން އަލަށް އުފެއްދި ބްލޫޓުތު ވަޔަލެސް ހެޑްސެޓަކީ، ބޯސް އެރައުންޑް އިއާ 2 (އޭއީ2 އަދި އޭއީ2އައި) ހެޑްފޯން، ކޭބަލް ނުލައި ބޭނުން ކުރެވޭގޮތަށް އުފައްދާފައިވާ ހެޑްފޯނެކެވެ. އެގޮތުން އާ މޮޑެލްއަށް ދީފައިވާ ނަމަކީ، ބޯސް އަރައުންޑު އިއާ 2 ވަޔަލެސް (އޭއީ2ޑަބްލިޔު) އެވެ.
ބޯސް އޭއީ2ޑަބްލިޔު އަކީ ލަވަޔާއި މިއުޒިކް އަޑުއަހާލިމަށާއި، ފިލްމު ބަލައިލުމަށާއި، އަދި އައިޕެޑާއިއި މޯބައިލް ފޯންތަކާއެކުވެސް ބޭނުން ކުރެވޭގޮތަށް އަޑުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި "ނެޗްރަލް ސައުންޑް" ލިބޭ ގޮތަށް އަދި ގިނައިރު އަޅާލައިގެން އުޅުވޭގޮތަށް ހާއްސަ މެޓީރިއަލަކުން ފަރުމާކޮށްފައިވާ، މޮޅު އާލާތެކެވެ.
"ބޯސް އޭއީ2ޑަބްލިޔު އަކީ އާންމުކޮށް ބާޒާރުގައި މިގެންގުޅޭ ކޮންވެންޝަނަލް ހެޑްސެޓްތަކާ އަޅާ ބަލާއިރު، މީގެ އެންމެ ބޮޑު ތަފާތަކަށް މިއުޅެނީ އޯޑިއޯ ޕާފޮމަންސް ކޮންވީނިއެންސް އަދި ކޮންފޯޓްގެ ތަފާތު،" ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް ސޭލްސް އެންޑް މާކެޓިން މުހައްމަދު އަހްސަން ބުންޏެވެ. "މީގައި ބޭނުން ކޮށްފައި ހުންނަނީ، ބޯސް ސައުންޑުގެ ދެ ސައުންޑު ޓެކްނޯލޮޖީއެއް ކަމަށްވާ ޓްރައިޕޯޓް ޓެކްނޯލޮޖީއާއި، ޕްރޮޕްރެއިޓަރީ އެކްޓިވް އީކުއަލައިޒޭޝަން. އެހެކަމުން އާންމުކޮށް މިހުންނަ ސައުންޑުތައް ފުދޭވަރަކަށް ނެޗްރަލްކޮށް ރިޕްރޮޑިއުސް ކޮށްދޭނެ."
އަހްސަން ބުނީ، ބޯސް ސައުންޑް ޓެކްނޯލޮޖީގެ އިތުރުން އޭއީ2ޑަބްލިޔު ހެޑްފޯންއަކީ، ސްކިން އެލާޖީ ހުންނަ ފަރާތްތަކަށްވެސް ބޭނުން ކުރެވޭ ގޮތަށް ވަރަށް ހާއްސަ މެޓީރިއަލް އަކުން އުފައްދާފައިވާ އާލާތެއް ކަމަށެވެ.
"ހެޑްފޯންގެ މެޓިރިއަލްއަށް ބަލާއިރު މިއީ ވަރަށް ލުއި މެޓީރިއަލަކުން އުފައްދާފައިވާ އެއްޗެއް. މީގެ ބުލޫޓުތު މޮޑިއުލް މިއިންނަނީ ފެންނަނަން. މީގެ ބްލޫޓުތު މޮޑިއުލްއާއި، އާންމުކޮށް މި ގެންގުޅޭ ހެޑްފޯންގެ ކޭބަލްއާ ބަރުދަން ހަމަ އެއްވަރު،" އަހްސަން ވިދާޅުވި އެވެ. "ދެން އަނެއްކާ ކިއުޝަން ކަޕްވެސް މި އިންނަނީ، އެލާޖީ ހުންނަ ބޭފުޅުންނަށްވެސް ބޭނުން ކުރެވޭގޮތަށް މުޅިން އާ މެޓީރިއަލަކުން އުފައްދާފައި،"
ބޯސް އޭއީ2ޑަބްލިޔު އަކީ ކަންފަތުގައި އަޅާލައިގެން ހުންނައިރުވެސް ފަސޭހަކަމާއެކު އޭގެ ފަންކްޝަންތަކާ ކުޅެލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސައުންޑު ޑިވައިސް އެކެވެ. އަދި ހަމަ އެހެންމެ ހެޑްސެޓްގެ ބްލޫޓޫތު މޮޑިއުލް ވަކިން ޖަހާލެވޭގޮތަށް ފަރުމާކޮށްފައި ހުރުމުން، ބްލޫޓުތު މޮޑިއުލްގެ ޗާޖު ގޮސްފިނަމަވެސް ޗާޖް ކުރުމަށް ފަސޭހަވާނެ އެވެ.
އައިޕެޑާއެކުބޭނުން ކުރުމަށްވެސް އޮޕްޓިމައިޒް ކުރެވިފައިވާ އެ ހެޑްފޯންގެ ބެޓްރީ ޕަވާ، ސްޓޭންޑްބައިގައި 200 ގަޑިއިރު ބެހެއްޓޭއިރު މެދު ނުކެނޑި ބޭނުން ކުރާނަމަ ބެޓްރީލަފްއަކީ ހަތް ގަޑީއިރެވެ.
"ބްލޫޓުތު ޓެކްނޮލޮޖީ ޑިވައިސްތަކުގައި އާންމުކޮށް މި ދިމާވާ އެއް މައްސަލައަކީ، މިސާލަކަށް އައިޕެޑުން ފިލްމެއް ފަދަ އެއްޗެއް ބަލަމުން ގެންދާއިރު އޭގެ މަންޒަރާ އަޑާ ދިމާނުވުން. އެކަމަކު މީގެ މި އިންނަނީ ހާއްސަ ޗިޕެއް ބޭނުން ކޮށްގެން އެބައި ވަރަށް ބޮޑަށް ކުޑަކޮށްދީފައި،" އަހްސަން ވިދާޅުވި އެވެ.
ބޯސް އޭއީ2ޑަބްލިޔު ހެޑްސެޓާއެކު ގެންގުޅެން ފަސޭހަ "ކެރީއިން ކޭސް"އެއް ފޯރުކޮށްދޭ އިރު އެއާއެކު ޗާޖްޖު ކުރުމަށް ޔޫއެސްބީ ކޭބަލްއަކާއި، އަދި ބުލޫޓުތު މޮޑިއުލް ޗާޖު ކުރާވަގުތުގައިވެސް ހެޑްސެތް ބޭނުން ކުރުމަށްޓަކައި، އަލްޓަނޭޓިވް ހެޑްފޯން ކޭބަލްއެއް ލިބޭނެ އެވެ.
ރީފްސައިޑުން ބުނީ، އެ ކުންފުނީގެ ފިހާރަތަކުން މިއަދުން ފެށިގެން ބޯސް އޭއީ2ޑަބްލިޔު ހެޑްސެޓް ގަންނަން ލިބެން ހުންނާނޭ ކަމަށާއި އަދި އޭގެ ހެޑްސެޓެއްގެ އަގަކީ 4485ރ ކަމަށެވެ.