21 Jul 2013, 16:39
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މިއަދު ނަން ހުށަހެޅުއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހެޅުއްވި ސޮއިތަކުގެ ސައްހަކަން ކަނޑައެޅުމަށް އިލެކްޝަސް ކޮމިޝަނުން މިރޭ ވެސް މަސައްކަތް ކުރާ ގޮތަށް ނިންމައިފި އެވެ.
"ސަން" އާ ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ފޯމާ އެކު 2000 އަށް ވުރެ ގިނަ މީހުންގެ ސޮއި ރައީސް ވަހީދު ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލާނީ އޭގެ ތެރެއިން 1500 މީހުންގެ ސައްޚަ ސޮއި އޮތްތޯ ކަމަށް ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދު ހުށަހެޅުއްވި ސޮއިތައް ޗެކްކުރުމުގެ މަސައްކަތް މިރޭ ވެސް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ނިންމާލައި މާދަމާގެ ވަގުތެއްގައި ރައީސް ވަހީދުގެ ކެންޑިޑެންސީގެ ސައްޚަކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރައީސް ވަހީދުގެ އިތުރުން މިހާތަނަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ ކެންޑިޑެސީ ސައްޚަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ވާދަ ކުރައްވުމަށް ނަން ހުށަހަޅުއްވާތާ 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.