08 Nov 2010, 10:55
ސަރުކާރުން މަސައްކަތް ކުރަމުންދާ މިންގަނޑުތައް ފާހަގަކޮށް ސަރުކާރަށް ރިޕޯޓްދިނުމަށް ޑީއާރުޕީން ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކަމާ ބެހޭ މައުލޫމާތު ދެއްވަމުން، ޑީއާރުޕީ ކައުންސިލް މެންބަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު ވިދާޅުވީ، މިކަން އޮންނާނީ މާދަމާރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި ކަމަށެވެ. އަދި ސަރުކާރު އިވެލުވޭޓް ކުރުމަށް ރިޕޯޓްފޯމެއް ދޭން މިޖެހެނީ ސަރުކާރުގެ އުސޫލުތަކާއި ވުޒާރާތައް ފެއިލް ވެފައިވާތީ ކަމަށެވެ. އަދި ސަރުކާރު ހަރުދަނާ ކުރުމަށް ޑިއާރުޕީން ކުރާ މިފަދަ ކަންކަން ބަލައި ނުގަތް ނަމަވެސް މި ކަންކަމުން ރައްޔިތުން ހޭލުންތެރި ވަމުންދާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
"މިދިޔަ އަހަރު ވެސް ސަރުކާރަށް ރިޕޯޓް ފޯމް ދިނުމުގެ ރަސްމިއްޔާތެއް އަޅުގަނޑުމެން ބޭއްވި އެފަހަރު ސަރުކާރަށް ލިބުނީ ޔޫސެޓެއް. މިފަހަރު މި ބާއްވާ ރަސްމިއްޔާތަކީ، ސަރުކާރަށް ދެ އަހަރު ފުރޭތީ ރިޕޯޓް ދިނުމަށް ބާއްވާ ރަސްމިއްޔާތެއް. މި ރަސްމިއްޔާތު ވަރަށް ކުލަގަދަވާނެ. ސަރުކާރުގެ ކަންތައް ރަނގަޅު ކުރުމަށް އަޅުގަނޑުމެން ދައްކާ މިފަދަ ވާހަކަތައް ސަރުކާރުން ގަބޫލު ނުކުރި ނަމަވެސް މިކަމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވޭ.”
ނިހާނު ވިދާޅުވީ މާދަމާރޭގެ ޖަލްސާގައި ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އިތުރުން ބައެއް އިސް ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށެވެ.