ވަތަނިއްޔާ "ރަމަޟާން ސަޕްރައިޒް" ޕްރޮމޯޝަން އިން މިހާތަނަށް 11 ކަސްޓަމަރަކަށް އައިފޯން5 ލިބިފައިވާ ކަމަށް ވަތަނިއްޔާ އިން ބުނެފި އެވެ.

ވަތަނިއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "ރަމަޟާން ސަޕްރައިޒް" ޕްރޮމޯޝަންގައި މިހާތަނަށް 11 ކަސްޓަމަރަކަށް އައިފޯން5 ލިބިފައިވާއިރު ހިލޭ ކްރެޑިޓާއި ލިވްއަންލިމިޓެޑް ކާޑު އެތަށްހާސް ބަޔަކަށް ލިބިފައިވާ ކަމަށެވެ.

ވަތަނިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް #999* ޖެއްސެވުމަށްފަހު ޑައިލް ކުރެއްވުމުން ހިލޭ ކްރެޑިޓާއި ލިވްއަންލިމިޓެޑް ކާޑު ވަގުތުން ލިބި އަދި އައިފޯން5 ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ޕްރޮމޯޝަންގައި ޑަބްލިއު ޕްރިޕެއިޑާއި ޑަބްލިއު މިކްސްގެ އިތުރުން އެމްވީޕީއެން ޕްރީޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

އެ ޕްރޮމޯޝަންގެ އިތުރުން ވެސް ރަމަޟާން މަހަށް ޚާއްސަ ގިނަ ޕްރޮމޯޝަންތަކެއް ގެންދާނެ ކަމަށާއި އޭގެތެރޭގައި ހިމެނޭ "ކޯލް އެންޑް ވިން" ޕްރޮމޯޝަނަކީ ވަތަނިއްޔާ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން 50 ރުފިޔާ ލޯކަލް ކޯލަށް ހޭދަކުރައްވައިގެން 300،000ރ. އަށް ވުރެ އަގުހުރި އެތަށް އިނާމެއް ލިބުމުގެ ފުރުސަތު ގުރުއަތުން ލިބޭގޮތަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެއް ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

އެ އިނާމްތަކުގެ ތެރޭގައި އެކްސް ޒޯންގެ ފަރާތުން ހުށަހަޅާ 140،000ރ. ގެ އަގުހުރި ޔަމަހާ ޖުޕިޓާ ދެ ސައިކަލް އަދި އަލޯރާގެ ފަރާތުން ހުށަހަޅާ 50،000ރ. ގެ ގިފްޓް ވައުޗާއެއް ހިމެނޭ ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ.

ވަތަނިއްޔާ އިން ބުނީ ކޮންމެ ހަފްތާއަކު ހޮވާލެވޭ ދެ ކަސްޓަމަރުންނަށް ރީފްސައިޑުގެ ފަރާތުން ހުށަހަޅާފައިވާ މުޅިއަކު 120،000ރ. ގެ އަގުހުރި ސޮނީ އެކްސްޕީރިއާ ޒެޑް ފޯން ވެސް ލިބޭނެ ކަމަށެވެ.