21 Jul 2013, 15:45
ފުވައްމުލަކުގައި ރުކަކުން ވެއްޓި މީހެއްގެ މައިބަދަ ބިނދިއްޖެ އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ޏ. ފުވައްމުލަކު ރަތްފުސްގޭ އުމުރުން 43 އަހަރުގެ އަބްދުﷲ އަހުމަދު އަށެވެ.
އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް މިއަދުގެ ވަގުތެއްގައި އިމަޖެންސީގައި މާލެ ގެނެސްފަ އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު އިސްމާއިލް މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:45 އެހާކަންހާ އިރު ކަމަށާއި ހާދިސާ ހިނގިތާ 15 ވަރަކަށް މިނެޓް ތެރޭގައި އެ މީހާ ހޮސްޕިޓަލަށް ގެނެސް ފަރުވާދިނުމަށް ފަހު، އެމެޖެންސީގައި މާލެ ފޮނުވާލައިފައިވާ ކަމަށެވެ.
އެ ހާދިސާގައި އޭނާގެ މައިބަދަ ބިންދައިގެން ގޮސްފައިވާ އިރު މޭކަށިން ވެސް ދެ ކަށިގަނޑު ބިނދި ފޫޅުން ތިރިއެއްކޮށް ވާގި ނެތިފައިވާ ކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަކުން ބުންޏެވެ.
"ޑޮކްޓަރުން ރިފާ ކުރެއްވީ އޭނާ އެމަޖެންސީގައި މާލެ ގެންދިއުމަށް. އެހެންވެ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ހެލިކޮޕްޓަރުގައި ގދ. ކޭޑެއްދު އަށް ގެންދިޔައީ. ކާޑެއްދޫން އިން އޭނާ މަލެ ގެންގޮސްފައި ވަނީ،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
އެ ހާދިސާ އަށް ފަހު ފުވައްމުލަކު ހޮސްޕިޓަލުން އޭނާ އަށް ފަރުވާދީފައިވީ ނަމަވެސް އޭނާ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.