21 Jul 2013, 15:22
ޅ. މަދިރި ގުރައިދޫގައި ހިންގަމުން އަންނަ ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހިންގުމަށް އެ ރަށުގެ ވެރިޔާ އިބްރާހިމް އަލި މަނިކާއި ސަން ސްޕޯޓިން ހޮލިޑޭސް އެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނިކޮށް، އެ ރަށުގެ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ހަމަވުމުން ކޯޓު އަމުރަކާ ގުޅިގެން އަލުން ލައިސަންސްދީފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެ ރަށުގެ ސަބްލީސް އެގްރިމަންޓް އުވާލި އިރު އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ވެސް އޮތީ ބުރާސްފަތި ދުވަހު ހަމަވާ ގޮތަށް ކަމަށެވެ.
މިނިސްޓަރު ސަން ސްޕޯޓިން ހޮލިޑޭސްގެ ޑިރެކްޓަރު ރަފެއްލޯ ރޮސީއަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ކުންފުންޏާ އެކު އޮކްޓޯބަރު 14، 1999ގައި ސޮއިކުރި ސަބް ލީސް އެއްބަސްވުން ބުދަ ދުވަހު އެ ރަށުގެ ވެރިފަރާތުން އުވާލިކަން އެންގި ކަމަށެވެ. އަދި މިދިޔަ އޭޕްރިލް 19ގައި ދޫކުރި ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި ސަބްލީސް އެއްބަސްވުން އުވާލުމުން ހުއްދަ އަލުން ދެވެން ނެތް ކަމަށް އެ ސިޓީގައި އަދީބު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން އެ ރަށް ހިންގި ފަރާތަށް އެންގިން އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ހަމަވެފައިވާތީ މުއްދަތު އަލުން އިތުރުކޮށްދެވޭނީ ކޯޓު އަމުރެއް ލިބިގެން ކަމަށް. އޭރު އޮތީ ސަބްލީސް އެގްރިމަންޓް އުވާލިކަން ރަށުގެ ވެރިފަރާތުން އަޅުގަނޑުމެންނަށް އަންގާފައި. އެއާ އެކު އެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ރޭ އަމުރުކުރީ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޮޕަރޭޓިން ލައިސަންސް ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ކޯޓުން އެ ރަށުގެ އޮޕަރޭޓިން ލައިސަންސް ދޫކުރަން އެންގުމުން މިއަދު އެ ލައިސަންސް އަލުން ދޫކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ފޮނުވި ސިޓީގައި އެ ރަށުގައި ތިބި ޓޫރިސްޓުންނާއި މުވައްޒަފުންގެ ހައްގުތައް ހައްގުތައް ހިމާޔަތްކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕާމް ބީޗް ހިންގުމަށް ޓަކައި ވެފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ސަން ސްޕޯޓިން ހޮލިޑޭސް ލިމިޓެޑްއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު ރިސޯޓުގެ ވެރިޔާ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އޮކްޓޫބަރު 14، 1999 ވަނަ އަހަރު އޭނާއާ ސަން ސްޕޯޓިން ހޮލިޑޭސްއާ ދެމެދު ޕާމް ބީޗް އައިލެންޑް ރިޒޯޓް އެންޑް ސްޕާ ހިންގުމަށްޓަކައި އެއްބަސްވުމެއް ގާއިމް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ސަން ސްޕޯޓިން ހޮލިޑޭސްއިން އެ އެއްބަސްވުމާ ހިލާފުވެފައި ވާތީ އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.
"14 އޮކްޓޫބަރު 1999 ވަނަ އަހަރު ސޮއިކުރެވުނު ސަބްލީޒް އެގްރީމެންޓްގެ 21 ވަނަ މާއްދާގެ (ހ)އާއި އެމާއްދާގެ (ށ) އަދި 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައި،" އެ ނޫސް ބަޔާނުގައިވެ އެވެ. "ހަމަ އެހެންމެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާއިން މިއަދުވަނީ، ބައެއް ގާނޫނުތަކާއި ހިލާފް ވުމުގެ ސަބަބުން ކުރިން އެ ރިޒޯޓް ހިންގުމަށް ހަވާލުކުރެވިފައިވާ ސަން ސްޕޯޓިން ހޮލިޑޭސް ލިމިޓެޑަށް ދޫކޮށްފައިވާ އޮޕްރޭޓިން ލައިސަންސްވެސް ބާތިލް ކޮށްފައި. އެހެން ކަމުން މިއަދުން ފެށިގެން ޕާމް ބީޗް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ހިންގުމުގެ އެއްވެސް ކަމެއްގައި ކުރީގެ މެނޭޖްމަންޓުގެ ހިއްސާއެއް ނޯންނާނެ،"